ޕޯޗުގަލްއިން ޔޫރޯ 2020 އަށް ނެގި ސްކޮޑުން ޖާގަ ގެއްލުމުގެ މާޔޫސްކަން ފިލުވައިލުމަށް އާސެނަލްގެ ޑިފެންޑަރު ސެޑްރިޑް ސޮއަރޭސް ރާއްޖޭގައި އަގުބޮޑު ޗުއްޓީއެއް ހާދަކުރަމުން އެބަދެއެވެ.

އާންމުކޮށް ޕޯޗުގަލް ސްކޮޑުގައި ހިމެނެމުން އައި ސެޑްރިކަށް ޔޫރޯ ސްކޮޑުން ޖާގަ ނުލިބުން ވެގެންދިޔައީ އޭނާއަށް މާޔޫސް ކަމަކަށެވެ. ޕޯޗުގަލް ޓީމުން އޭނާއަށް ފުރުސަތު ގެއްލެން ދިމާވި މައިގަނޑު ސަބަބަކަށް ވީ އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ސީޒަން ތެރޭގައި ސެޑްރިކް ބޭނުން ނުކުރުމެވެ. ސީޒަންގެ ފުރަތަމަ ކޮޅުގައި އާޓެޓާ ސެޑްރިކާއެކު މެޗުތައް ފެށި ނަމަވެސް ފަހުން އެއްވެސް ގޮތަކަށް ކުޅުވައިފައެއް ނުވެއެވެ. ސެޑްރިކްގެ ބަދަލުގައި ބައެއް މެޗުތަކުގައި އަރިމަތީ ފަހަތަށް މިޑްފީލްޑަރު ގްރަނިޓް ޒަކާވެސް އާޓެޓާ ވަނީ ބޭނުން ކޮށްފައެވެ.

އުނދަގޫ ސީޒަނަކަށްފަހު ސެޑްރިކް އައީ އަންހެނުން ފިލީޕާ ސޮއަރޭސްއާއެކު ރާއްޖެއަށެވެ. އެ ދެމީހުންގެ އިންސްޓާގްރާމްގައި ވެސް ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓްގެ ވޯޓާ ވިލާގެ ހިތްގައިމު މަންޒަރުތަކާއި އިރުއޮއްސޭ ހިތްގައިމު މަންޒަރުތައް ވަނީ ހިއްސާ ކޮށްފައެވެ. މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ސެޑްރިކްގެ ޗުއްޓީއަށް ރެއެއްގެ މައްޗަށް ގާތްގަނޑަކަށް 5،000 ޑޮލަރު ހަމައެކަނި ކޮޓަރީގެ އަގުގެ ގޮތުގައި ހޭދަކުރާނެއެވެ. މަންޒަރުތަކުން ފެންނަ ގޮތުގައި ސެޑްރިކް ޗުއްޓީ ހޭދަކުރަމުން އަންނަނީ ރާއްޖޭގެ އެންމެ ލަގްޒަރީ އެއް ރިސޯޓު ކަމަށްވާ ސޮނޭވާ ޖާނީގައެވެ.

ރާއްޖެއަކީ އޮފް ސީޒަންގައި ގިނަ ކުޅުންތެރިންގެ ޗުއްޓީ މަންޒިލެކެވެ. ހާއްސަކޮށް ބޮޑެތި މުބާރާތްތައް ނޯންނަ ހޫނު މޫސުންތަކަށް ރާއްޖެއަށް ގިނަ ކުޅުންތެރިން އާދެއެވެ. މިއަހަރުގެ ހޫނު މޫސުމުގައި ޔޫރޯއާއި ކޮޕާ އެމެރިކާވެސް އޮތުން ވެގެންދާނީ ގިނަ ކުޅުންތެރިންނަށް ޗުއްޓީ ހަދައިލަން އެންމެ އެކަށޭނެ ދުވަސްތަކެއް ނުލިބި އަނެއް ސީޒަނަށް ދާން ޖެހޭނެ ސަބަބަކަށެވެ. އެހެންނަމަވެސް ކްލަބު ފުޓުބޯޅައިގެ ދިގު ސީޒަނަށްފަހު މިހާރުވެސް ގިނަ ކުޅުންތެރީންތަކެއް އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.