ކޮވިޑު ވެކްސިން ފުރިހަމަ ކޮށްފައިވާ އެއްވެސް މީހަކު މިބަލީގައި މަރުވެފައި ނުވާ ކަމަށް އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައެންސަސް (އެއިމްސް) އިން ކުރި ދިރާސާއަކުން ދައްކައިފިއެވެ.
އެއިމްސް އިން މި ދިރާސާ ކޮށްފައިވަނީ މިދިޔަ އޭޕްރީލް އާއި މެއި މަހު ވެކްސިން ޖެހުމަށްފަހު ބައްޔަށް ހުށަހެޅި ފަރުވާ ދީފައިވާ މީހުންގެ މެދުގައެވެ.
ވެކްސިން ޖަހާފައި ވަނިކޮށް ކޮވިޑު ޖެހިފައި ވާ މީހުންގެ ހަށިގަނޑުން ފެނިފައި ވަނީ ބީ.1.617.2 އަދި ބީ.1.1.7 ވޭރިއަންޓުތައް ކަން އެއިމްސް އިން އިންޑިއާގެ ވެރިރަށް ދިއްލީގައި ކުރިއަށް ގެންގޮސްފައިވާ މި ދިރާސާއިން ވަނީ ފާހަގަ ކުރެވިފަ އެވެ.
ވެކްސިން ޖަހާފައިވާ ގިނަ އަދަދެއްގެ މީހުންނަށް ކޮވިޑު ޖެހޭކަން މީގެ ކުރިންވެސް ވަނީ ފާހަގަކުރެވިފައެވެ. ނަމަވެސް ވެކްސިން ޖަހާފައި ވަނިކޮށް ބައްޔަށް ހުށަހެޅުނު އެއްވެސް މީހަކަށް މި ބަލީގައި ބޮޑުވަރު ވެފައި ނުވާ ކަމަށާއި އަދި އެއްވެސް މީހަކު ބަލީގައި މަރުވެފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.
ވެކްސިން ޖަހާފައިވާ ޖުމުލަ 63 މީހުންގެ މެދުގައި ކުރެވުނު މިދިރާސާގައި ހިމެނޭ 36 މީހަކު ވަނީ ދެ ޑޯޒް ވެކްސިން ފުރިހަމަ ކޮށްފައެވެ. އަދި 27 މީހުން ވަނީ 1 ޑޯޒު ޖަހާފައެވެ. އޭގެ ތެރޭގައި ހިމެނޭ 53 މީހުން ކޮވެކްސިން ޖަހާފައިވާއިރު އަނެއް 10 މީހުން ޖެހީ ކޮވިޝީލްޑު ވެކްސިން އެވެ.
މި ދިރާސާ ހެދި ދުވަސްވަރަކީ އިންޑިއާގައި ވަރަށް ގަދަޔަށް ކޮވިޑް ފެތުރެމުން ދިޔަ ދުވަސްވަރެއް ކަމަށާއި، ދިރާސާގައި ބޭނުން ކުރި މީހުންގެ ހަށިގަނޑުން ފެނުނު އަލާމާތްތަކަށް ބަލާއިރު ވެކްސިން ނުޖަހައި ހުންނަ މީހެކޭ އެއް ފަދައިން ފަސް ދުވަހާއި ހަތް ދުވަހާ ދެމެދުގެ މުއްދަތަކަށް ވެކްސިން ޖެހި މީހުން ވެސް ހުން އައިކަން ފާހަގަވާ ކަމަށް ދިރާސާގައި ބުނެފައި ވެއެވެ.
އިންޑިއާގައި ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމުގެ ދަށުން އެގައުމުގެ ޔޫނިއަން ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ އެންމެފަހުގެ ހިސާބުތަކަށް ބަލާއިރު އެގައުމުގައި މިހާތަނަށް 224.1 މިލިއަން ޑޯޒް ވެކްސިން ވަނީ ދީފަ އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ