ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެ، ބަލީގައި މަރުވި މީހުންގެ ޖުމުލަ 174 އަށް އަރައިފިއެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 63 އަހަރުގެ ފިރިހެނަކު މިރޭ ވަނީ މަރުވެފައެވެ. އެއާއެކު މި މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު 174 އަށް ވަނީ އަރައިފައެވެ.

މިއީ ކޮވިޑުގައި މިއަދު މަރުވި ތިންވަނަ މީހާއެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ 62 އަހަރުގެ ދިވެހި އަންހެނަކު ރޭ މެންދަމު 12:48ގައި މަރުވި އިރު، ގދ. ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 88 އަހަރުގެ ދިވެހި ފިރިހެނަކު ފަތިހު 5:30 ގައި ވަނީ މަރުވެފައެވެ.

ރާއްޖޭގައި ކޮވިޑު ޖެހިގެން އެންމެ ގިނަ މީހުން މަރުވީ މިމަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު ބަލީގައި 13 މީހަކު މަރުވިއެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.