އެމެރިކާއިން ކޮވިޑް ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް ޝުކުރު އަދާކުރައްވައިފިއެވެ.
އެމެރިކާއިން ދުނިޔޭގެ ގައުމުތަކަށް ވެކްސިން ފޯރުކޮށްދޭން ނިންމެވިކަން އެގައުމުގެ ރައީސް ބައިޑަން މިއަދު ވަނީ އިއުލާން ކުރައްވައިފައެވެ. އެގޮތުން ރާއްޖެ ހިމެނޭހެން އޭޝިޔާ ސަރަހައްދަށް ހަތް މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭނެކަމަށް އެމެރިކާއިން ވަނީ އިއުލާންކޮށްފައެވެ.
ރައީސް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމެރިކާއިން ކޮވިޑް ވެކްސިން ފޯރުކޮށްދިނުމުގެ ޕްރޮގްރާމުގައި ރާއްޖެ ހިމެނިގެންދިއުމަކީ އުފާކުރައްވާ ކަމެއް ކަމަށާއި އެކަމަށްޓަކައި ރާއްޖޭގެ ރައްޔިތުންގެ ފަރާތުން އެގައުމުގެ ރައީސް ބައިޑަން އާއި އެގައުމުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެމެރިކާއިން ކޮވިޑް ވެކްސިން ފޯރުކޮށްދިނުން ވެގެންދާނީ، ކޮވިޑުގެ ބައްޔާ ދެކޮޅަށް ކުރެވޭ ހަނގުރާމައަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔަކަށް ކަމަށެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ވަނީ މިރޭ ޓުވީޓެއް ކުރައްވައިފައެވެ. މިނިސްޓަރު ވިދާޅުވީ އެމެރިކާއިން ކޮވިޑް ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ރަމްޒެއް ކަމަށެވެ.
އެމެރިކާއިން ރާއްޖެއަށް ވެކްސިން ފޯރުކޮށްދޭނެކަން އިއުލާންކޮށްފައިވާ އިރު، އެމެރިކާއިން ހަދިޔާކުރި ޕީޕީއީ އާއި މެޑިކަލް އިކުއިޕްމަންޓް މާދަމާ ރާއްޖެއަށް ރަސްމީކޮށް ހަވާލުކުރާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު