ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގަމުން އަންނަ އޮޕަރޭޝަންތަކުގެ ތެރެއިން މާލެއިން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހަރުކަށި ފިކުރާ ދެކޮޅަށް ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން މިއަދު މާލޭގައި ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި 23 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން ފުލުހުންނާއި ސިފައިން ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ހަރުކަށި ފިކުރާ ދެކޮޅަށް އޮޕަރޭޝަންތައް ހިންގަމުންނެވެ.

އެގޮތުން މާލެ އާއި ހުޅުމާލެ އަދި އައްޑޫގައިވެސް އޮޕަރޭޝަންތައް ދަނީ ކުރިއަށް ގެންދަމުންނެވެ. މި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބަޔަކުވެސް އަންނަނީ ހައްޔަރު ކުރަމުންނެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގައި މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ މއ. ފޭރުގެ، މުޖާޒް އަހުމަދާއި (21އ) ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު (32) އާއި ވ. ތިނަދޫ، ހިޔާ، އަހުމަދު އަދުހަމު އަދި ލ. ގަން، ތުނޑި/ ފުންފިނިއުފާ، އަހުމަދު ފާތިހު (23) އެވެ.

މި ހަތަރު މީހުންގެ ތެރެއިން ބޮން ގޮއްވާލި ކަމަށް ތުހުމަތުވާ އަދުހަމް ހައްޔަރު ކުރީ ހުޅުމާލެއިންނެވެ. މުޖާޒް އާއި ތަހުމީން ހައްޔަރު ކުރީ މާލެއިންނެވެ. އަދި ފާތިހު ހައްޔަރު ކުރީ ހާދިސާއަށްފަހު ބ. ދަރަންވަންދުއަށް ގޮސް ހުއްޓައެވެ.