އަދާލަތުގެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ފަށައިފި އެވެ.

ވަން އަށް ކަށަވަރު ވެފައިވާ ގޮތުގައި މިހާރު ފެށިގެން ކުރިޔަށް ދާ މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވަނީ އަދާލަތުގެ ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

އޮންލައިންކޮށް ކުރިޔަށް ގެންދާ މި ބައްދަލުވުމުގައި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ 40 އަށްވުރެ ގިނަ މެންބަރުން ބައިވެރިވެވަޑައިގަންނަވަ އެވެ.

ޕާޓީގެ ރައީސްގެ ކޯލަކަށް ބާއްވާ މި ކުއްލި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރަނީ، ހަރުކަށި ފިކުރާއި ޓެރަރިޒަމާ ގުޅުވައިގެން، ގާނޫނުލް އުގޫބާތަށް މިހާރު ހުށަހަޅާފައިވާ އިސްލާހާ ގުޅޭ ގޮތުންނެވެ.

އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި ސިފަކުރުމުގައި ބައިވެރި ވުމާއި އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއްގެ ކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލް އުގޫބާތަށް އިސްލާހެއް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު، ހިސާން ހުސެއިން އެވެ.