ރައްޔިތުންގެ މަޖިލިސް ގޮއްވާލާނެ ކަމަށް ސޯޝަލް މީޑީއާގައި ބުނި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ވަން" އަށް ވިދާޅުވީ ބޮމަކުން މަޖިލިސް ގޮއްވާލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިންޒާރުދިން 28 އަހަރުގެ ފިރިހެނަކު ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޓެރަރިޒަމާ ގުޅުން ހުރި އިންޒާރުތައް ވަރަށްވެސް ސީރިއަސް ގޮތެއްގައި ފުލުހުން ބަލާނެ ކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.

މިމަހުގެ 17 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރަމުން ދަނިކޮށް، މަޖިލިސް ޖަލްސާ ލައިވް ކުރަމުންދިޔަ ލައިވްސްޓްރީމްގެ ކޮމެންޓް ސެކްޝަންގައި މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށް މީހަކު ވަނީ ބުނެފައެވެ.

އެމީހާ މިގޮތަށް ބުނެފައިވަނީ ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މަހުގެ ހަ ވަނަ ދުވަހު ދިން ހަމަލާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ބަހުސް، ޓީވީ ޗެނަލަކުން ލައިވް ކުރަމުން ދަނިކޮށް އެ ލައިވް ސްޓްރީމްގެ ކޮމެންޓް ސެކްޝަންގައެވެ.

އެ މައްސަލަ ފުލުހުންނާއި ސިފައިންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ފުލުހުންނާއި ސިފައިން އަންނަނީ ހަރުކަށި ފިކުރާ ދެކޮޅަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮޕަރޭޝަންތައް ހިންގަމުންނެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މިހާތަނަށް ވަނީ ފަސް މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ބޮން ގޮއްވާލި މީހާވެސް ހިމެނެއެވެ.