ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މިއަދު މަރުވެއްޖެ އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ އައިޖީއެމްއެޗުގެ އިމަޖެންސީ ރޫމަށް ގެންދިޔަ އުމުރުން 88 އަހަރުގެ އަންހެނެކެވެ. މިއީ ކޮވިޑުގައި މިއަދު މަރުވި ފަސް ވަނަ މީހާއެވެ.

މިއަދު އެންމެ ފުރަތަމަ މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 70 އަހަރުގެ ފިރިހެނެކެވެ. ދެވަނައަށް މަރުވީ ބ. ކޮވިޑު މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 87 އަހަރުގެ ފިރިހެނެކެވެ.

މިއަދު ދެން މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދެ މީހެކެވެ. އެއީ 50 އަހަރުގެ ފިރިހެނަކާއި 59 އަހަރުގެ އަންހެނެކެވެ.

ރާއްޖޭގައި ކޮވިޑު ޖެހިގެން އެންމެ ގިނަ މީހުން މަރުވީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު ބަލީގައި 13 މީހަކު މަރުވެފައިވެ އެވެ.

ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.