ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެ، ބަލީގައި މަރުވި މީހުންގެ ޖުމުލަ 161 އަށް އަރައިފިއެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި އައިޖީއެމްއެޗް އެމަޖެންސީއަށް ގެންދިޔަ އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު މެންދުރުފަހު 3:00ގައި ވަނީ މަރުވެފައެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވުމުން ކޮވިޑް މަރެއްގެ ގޮތުގައި ވަނީ ނިންމައިފައެވެ.
މިއީ މިއަދު ކޮވިޑުގައި މަރުވި ތިންވަނަ މީހާއެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 83 އަހަރުގެ މީހަކު މިއަދު ހެނދުނު މަރުވި އިރު، ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހަވީރު ވަނީ މަރުވެފައެވެ.
ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 161 އަށް އަރައިފައެވެ. ރާއްޖޭގައި ކޮވިޑު ޖެހިގެން އެންމެ ގިނަ މީހުން މަރުވީ މިމަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު ބަލީގައި 13 މީހަކު މަރުވިއެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ކޮވިޑުގެ ހަތަރު ވަނަ ރާޅެއް ރާއްޖެއިން ކުރިމަތިވެފައިވާ އިރު، ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ އަދަދު 1000 އިން މަތީގައި ހުރުމަށްފަހު އިއްޔެ ވަނީ މި އަދަދު 1000 އިން ދަށަށް ގޮސްފައެވެ. އިއްޔެ ޕޮޒިޓިވް ވެފައިވަނީ 780 މީހުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު