ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަވަހާރަކޮށްލަން މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ވޯޓު ނަގަން ނުކެރުނީ އެއީ އެމްޑީޕީގެ މެންބަރަކަށް ވެގެންތީ، މަޖިލީހުގެ ފޭދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނިހާދު ސުވާލު ކުރައްވައިފި އެވެ.

މެންބަރު ނިހާދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ އާއިލީ ގެކޮޅު، ގ. ކެނެރީގޭގައި ދިރިއުޅުއްވާނަމަ ވަރަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށާއި އެ ގެ ހުރި ގޮތާއި ހުރި ތަނުގެ ގޮތުން ސަލާމަތީ ކަންކަން ނުބެލެހެއްޓިދާނެކަން އެމްއެންޑީއެފުން ނަޝީދަށް ތަކުރާރުކޮށް އެންގި ކަމަށް ބުނެ، ކަމާބެހޭ ފަރާތްތަކާ ހަވާލާދީ "މިހާރު" ނޫހުގައި ޝާއިއުކުރި ރިޕޯޓެއްގެ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ނިހާދު ވިދާޅުވީ، ރައީސް ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން އެފަދަ މައުލޫމާތުތަކެއް ނޫހުގައި ޝާއިއު ކުރުމަކީ ކުޑަ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އެމްއެންޑީއެފްގެ ތެރޭގައި ތިބި ބަޔަކު، ގައުމުގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ ކަންތައްތަކެއް އާންމުކުރުން ކަމަށްވެސް ވިދާޅުވިއެވެ.

ނިހާދު އިތުރަށް ވިދާޅުވީ، ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއަކީ، މަޖިލީހުގެ ރައީސް ނުވަތަ އެމަނިކުފަނަށް އެކަނި ދިން ހަމަލާއެއް ނޫން ކަމަށާއި އެއީ މުޅި ރާއްޖޭގެ އިގުތިސާދަށްވެސް ދިން ހަމަލާއެއް ކަމަށެވެ. އެގޮތުން އެ ވާހަކަ މުޅި ދުނިޔޭގެ މީޑިއާތަކުގައި ދައްކާ އިރު، އެއީ ރާއްޖެއަށް ފަތުރުވެރިން އައުމަށް އެޅިގެންދާ ހުރަހެއް ކަމަށް ދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއަށް 25 ދުވަސް ފާއިތުވެފައިވާ އިރު މަޖިލީހުގައި އެމްޑީޕީގެ 65 މެންބަރުން ތިބެގެންވެސް ކުރެވުނު ކަމެއް ނެތްކަން ފާހަގަކުރައްވައި ނިހާދު ވިދާޅުވީ، އިންޓަނެޓް އަގުހެޔޮ ނުވެގެން ކަމަށް ބުނެ، މަޖިލީހަށް މައްސަލަ ހުށަހަޅައި، އޭރުގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގައި އޭނާ މަގާމުން ވަކި ކޮށްފައިވާ އިރު، ރައީސް ނަޝީދަށް ދިން ހަމަލާގައި އެއްވެސް މިނިސްޓަރެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާފައިނުވާ ކަމަށެވެ.

އަދި ރައީސް ނަޝީދަށް ދިން ހަމަލާގައި އެމްއެންޑިއެފްގެ އިހުމާލު އޮތް ކަމަށް ބުނެ މެންބަރުން ވާހަކަދައްކާ އިރު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައި ވޯޓެއް ނަގަން ނުކެރިގެން އުޅެނީ އެއީ އެމްޑީޕީގެ މެންބަރަކަށްވެގެންތޯވެސް ނިހާދު ސުވާލު ކުރެއްވިއެވެ.

ނިހާދު އިތުރަށް ވިދާޅުވީ، މި މައްސަލައިގައި އަޅަންޖެހޭ ފިޔަވަޅުތައް އަވަހަށް އެޅުމަށާއި އެ މައްސަލައިގައި އިހުމާލުވާ ފަރާތްތަކުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި މަގާމުތަކުން ބޭރުކުރުމުގެ މަސައްކަތް ޖެހިލުމެއް ނެތި މަޖިލީހުން ކުރަންޖެހޭ ކަމަށެވެ.