ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓުގައި އޭނާ ބެހެއްޓެވީ މަޖުބޫރުވެގެން ކަމަށާއި މިނިސްޓަރުންނަށް އެންމެ އިހާނެތިކޮށް ކަންތައް ކުރެއްވި ވެރިއެއްގެ ގޮތުގައި ތާރީހުގައި ރައީސް ޔާމީންގެ ނަންފުޅު ލިޔެވިގެންދާނެ ކަމަށް ވިދާޅުވެ، އޭރުގެ ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ މުހައްމަދު ބޮޑެތި ތުހުމަތުތަކެއް ކުރައްވާ އޯޑިއޯއެއް ލީކުކޮށްލައިފިއެވެ.
ގާތްގަނޑަކަށް ފަސް މިނެޓުގެ އެ އޯޑިއޯ ސޯޝަލް މީޑިއާގައި ލީކުވެފައިވާ އިރު، އެ އޯޑިއޯގައި ރައީސް ޔާމީނަށް ޝައިނީ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ޝައިނީ އާއި އިތުރު މީހަކާ ވާހަކަ ދައްކާ އެ އޯޑިއޯގައި މި ސަރުކާރާއި ސިޔާސީ އެކި ފަރާތްތަކަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފައެވެ.
ނަމަވެސް މި އޯޑިއޯއާ ގުޅޭގޮތުން ޝައިނީގެ ބަހެއް ލިބިފައިނުވާތީ މިއީ ކޮން އިރެއްގެ އޯޑިއޯއެއް ކަމާއި އަދި އޭގައި އިވިގެންދަނީ ޝައިނީގެ އަޑުކަމެއް ސާފުވެފައެއް ނުވެއެވެ.
އެ އޯޑިއޯގައި ޝައިނީ ވިދާޅުވީ ރާއްޖޭގެ ތާރީހުގައި އެންމެ އިހާނެތިކޮށް ކެބިނެޓް މިނިސްޓަރުންނަށް ކަންތައް ކުރެއްވި ރައީސަކީ، ރައީސް ޔާމީން ކަމަށާއި އެމަނިކުފާނުގެ ފަރާތުން އެއްވެސް އެއްޗެއް ލިބިގެން ގޮސްފައިނުވާ ކަމަށް ވިދާޅުވިއެވެ.
"ކެބިނެޓުގައި ތިބި މީހުންނަށް ކޯންޗެއް ލިބުނީ. ކޯންޗެއް ދިނީ. ރާއްޖޭގައި ފްލެޓް ދެނީ ކޮން ބަޔަކަށް. ސިފައިންނާއި ފުލުހުންނަށް، ނަރުހުންނާއި ޑަކުޓަރުންނަށް، ސިވިލް ސާވަންޓުންނަށް މުސްކުޅިންނަށް އަލަށް މީހުންނަށް އިންނަ މީހުންނަށް. މިބުނާ ވާހަކައަކީ ވަޒީރުންގެ ތެރޭގަ ގޯތި ނެތް މީހުންނަށް ކީއްހޭ ވާނީ ފްލެޓެއް ދިނިއްޔާ، ލާރިދޭ ވާހަކައެއް ނޫނޭ. ހަމައެކަނި އެއަށް ލާރިދައްކާނޭ ޗާންސެއް ދޭށޭ،" ޝައިނީ ވިދާޅުވިއެވެ.
"އަހަރުމެން ނިކުމެގެން މިއައި ހުސްއަތާ، އިންސޯރެންސް ގަޑެއް، އެކައްޗެއްވެސް އަހަރުމެންނަށް އޮތީކީ ނޫން، ރައީސަކަށް ނޯންނާނެ ބުނެވޭކަށް ޝައިނީ މިއަދު ކަމެއް ކޮށްދޭން ޖެހޭނެއޭ ތިމަންނަ މިވެނި ކަމެއް ކޮށްދިނީމޭ ބުނެވޭކަށް. ލާރިކޮޅެއް ދޭން ބުނީމަ އެއް ލައްކަ ރުފިޔާވެސް ނުދެވުނު މަށަށް. އެހެންވީމަ ރައީސް ޔާމީން ކޮށްދެއްވި ކަމެއް ނޯންނާނެ މަށަކަށް،" ޝައިނީ ވިދާޅުވިއެވެ.
ޝައިނީ ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާ މައްސަލަ ޖެހުނުފަހުން ރައީސް ޔާމީން، އޭނާއަށް ރަނގަޅު ނޫން ކަމަށާއި ކެބިނެޓުގައި ބެހެއްޓީ މަޖުބޫރު ވެގެން ކަމަށެވެ. އެއީ ބޭރު ގައުމުތަކާއި ސިޔާސީ ފަރާތްތަކާއެކު ސަރުކާރުން އޭރު ކުރި ހުރިހާ މަޝްވަރާއެއްގައި އިސްކޮށް އޭނާ ހުންނެވުމުން ކަމަށްވެސް ވިދާޅުވިއެވެ.
"ދެން އޭގެ ފަހުން ތި އަދީބު ޖެހި ސަކަރާތްގަނޑެއް ޖެހިފަހުން ތި އަހަންނަށް އެނގޭ އަހަރެމެންނަކަށް ރަނގަޅެއް ނޫންކަން. އަހަރެމެން ބައިތިއްބަން މަޖުބޫރު ވެގެން ބައިތިއްބާފަ ތިބީ. ޔޫއެސްއާ ހުރިހާ ކަނެކްޝަނެއް، އީޔޫއާ ހުރިހާ ކަނެކްޝަނެއް، މޯދީއާ ހުރިހާ ވާހަކައެއް ދައްކަމުން ދިޔައީ މަ. މި ހުރިހާ އެއްޗެއް ހިފަހައްޓައިގެން އުޅުނުއިރުގައި ހުރިހާ ކަމެއް ކުރީ މަ. ބޭރުކޮށްލައިފިއްޔާ... ރައީސަކަށް ކެރޭނެކީ އެއް ނޫން ދާކަށް އެއިގެންތާކަށް،" ޝައިނީ ވިދާޅުވިއެވެ.
ޝައިނީ ވަނީ އެމްއެމްޕީއާރުސީގެ މައްސަލަ މި ސަރުކާރުން ނުބަލާނެ ކަމަށް ވިދާޅުވެ، އެކަމަށްވެސް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ އޭގެ އަސްލު ގޮތުގައި ތަހުގީގުކުރަން އެއްވެސް ސަރުކާރަކަށް ނުކެރޭނެ ކަމަށެވެ. އަދި އެންމެ ގިނަ ފައިސާ ލިބިފައި ހުންނާނީ މިހާރު ސަރުކާރުގައި ތިބި ފަރާތްތަކަށް ކަމަށާއި އެއީ ކުޑަކުއްޖަކު ވެސް ދަންނާނެ ވާހަކައެއް ކަމަށް ވިދާޅުވިއެވެ.
އޯޑިއޯގައި ޝައިނީ ވަނީ މި ސަރުކާރު އޮތީ އޭނާގެ ސަބަބުން ކަމަށްވެސް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަމަށް ވަޑައިގަނެވުނީ ޝައިނީ މެދުވެރިވެރިވެގެން ކުރި މަޝްވަރާތަކެއްގެ ތެރެއިން ކަމަށެވެ. އަދި ވިދާޅުވީ އެކި ބައްދަލުވުންތަކުގައި ދެކެވުނު އެކި ވާހަކަތަކުގެ އޯޑީއޯތައް އޭނާގެ އަތުގައި އެބަހުރި ކަމަށާއި އޭނާއާ "ނުކުޅެވޭނެ" ކަމަށެވެ.
ޝައިނީ ވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު ހުކުމުގައިވެސް "ސްޓިންގް އޮޕަރޭޝަން" ހިންގީ އޭނާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ހުކުމުގެ ފަހުންވެސް އޭރުގެ ސަރުކާރު ވައްޓާލަން ވަރަށް މަސައްކަތްކުރި ކަމަށާއި ވަރަށް ގިނަ ފައިސާ ހަރަދުކުރި ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ފައިސާއާ ހަވާލުވީ އޭނާ ފޮނުވި ބަޔަކު ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު