ޓެރަރިޒަމްގެ ކުށުގައި ހައްޔަރުކުރާ މީހުން 48 ގަޑިއިރަށް ބަންދުގައި ބެހެއްޓޭގޮތަށް ފުލުހުންނަށް ބާރު ދިނުމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު މަޖިލީހަށް އެ ބިލު ފޮނުވާފައިވާ އިރު، މީގެ ކުރިން 2019 ވަނަ އަހަރު ފޮނުވި ބިލުގައި ވެސް 48 ގަޑިއިރަށް ބަންދުގައި ބެހެއްޓުމަށް ޓެރިރަޒަމްގެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވެއެވެ. ނަމަވެސް އޭރު މަޖިލީހުން ބިލު ފާސްކުރީ 24 ގަޑިއިރު ބަންދުގައި ބެހެއްޓުމުގެ ބާރު ދޭ ގޮތަށެވެ.

އޭޖީ އޮފީހުން މިއަދު ބުނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވަނީ ޓެރަރިޒަމްގެ ކުށްތައް ތަހުގީގުކުރުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށާއި، ރާއްޖެއިން ބޭރުގައި ޓެރަރިސްޓުން ހިންގާ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ނުވަތަ އެފަދަ ހަނގުރާމަވެރި ސަރަހައްދުތަކަށް ދިއުމަށްފަހު އަނބުރާ ރާއްޖެއަށް އަންނަ މީހުންގެ މައްޗަށް ހިންގަންޖެހޭ އިޖުރާއަތުތައް ހިންގުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށާއި، ޓެރަރިޒަމްގެ އަމަލުތައް ކުރާ ނުވަތަ އެފަދަ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ފަރާތްތަކަށް ހިންގަންޖެހޭ ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހަރުދަނާ ގޮތެއްގައި ހިންގުމަށް މަގުފަހިކޮށްދިނުމަށްޓަކައި އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ކަމަށެވެ.

"އެގޮތުން ޓެރަރިޒަމްގެ ކުށްތައް ތަހުގީގުކުރުމާ ގުޅޭގޮތުން ގެނައުމަށް ހުށަހަޅާ މައިގަނޑު ބަދަލުތަކަކީ ޓެރަރިޒަމްގެ ބޮޑެތި ކުށްތައް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން 48 ގަޑިއިރަށް ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިދިނުމާއެކު، އެފަދަ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، އެމީހުންގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް އިތުރަށް ސާފުކޮށްދިނުމާއި، ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިދޭ ފަރާތެއް އަމިއްލަ ތަނެއްގައިވާ ހާލަތުގައި އެތަނަކަށް ވަދެ، އެތަން ބަލައި ފާސްކުރުމުގެ ބާރާއި އެކަން ކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައްވެސް ބަޔާންކޮށްދިނުމެވެ..،" އޭޖީ އޮފީހުން ބުންޏެވެ.

އޭޖީން ބުނީ ހަނގުރާމައަށް ދިއުމަށްފަހު ނުވަތަ ހަނގުރާމަވެރި ސަރަހައްދުތަކަށް ދިއުމަށްފަހު އަނބުރާ ރާއްޖެއަށް އަންނަ މީހުންނާ މެދު އަމަލުކުރާ އިޖުރާއަތުތަކަށް ގެނައުމަށް ހުށަހަޅާ މައިގަނޑު ބަދަލަކީ އެފަދަ މީހުންގެ ތެރެއިން، ޓެރަރިޒަމްގެ އަމަލުތައް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ބެލެވޭ ކުށުގެ ތުހުމަތުގައިވާ މީހުންގެ ތަހުގީގު ވަގުތުން ވަގުތަށްވެސް ކުރިއަށްގެންދެވޭނެ ގޮތް ހަމަޖެއްސުމާއި، އެނޫން މީހުންނަކީ އެފަދަ އަމަލުތަކުގައި ސީދާ ބައިވެރިވި ފަރާތްތަކެއް ކަމަށް ނުވި ނަމަވެސް، އެއީ ޓެރަރިޒަމްގެ އަމަލުތަކަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅުމުގެ ފުރުސަތު އޮތް ބައެއް ކަމުގައި ބަލައި، އެފަދަ އަމަލުތަކުން މުޖުތަމައު ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، އެފަދަ ފިޔަވަޅުތައް އެޅުމާއެކުގައިވެސް އެފަދަ މީހުންނަށް ދޭންޖެހޭ ރީހެބިލިޓޭޝަންގެ ފަރުވާ ދިނުމަށް މަގުފަހިކުރެވޭނެ ގޮތަށް އެ ގާނޫނު އިސްލާހުކުރުން ކަމަށެވެ.

ތިންވަނައަށް ގެނެވޭ އިސްލާހަކީ މޮނިޓާކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ތަންފީޒުކުރަމުންދާ މީހުންނަށާއި، ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ތަހުގީގު މަރުހަލާގައި ބަންދުގައިވާ މީހުންނަށާއި، ޓެރަރިޒަމްގެ ކުށް ސާބިތުވެ ހުކުމް ތަންފީޒުކުރަމުންދާ މީހުންނަށާއި އަނބުރާ އަންނަ ހަނގުރާމަވެރިންނާއި އެމީހުންގެ އައިލާގެ މެންބަރުންނަށް ދެވޭ ރީހެބިލިޓޭޝަންގެ ފަރުވާއަކީ ގާނޫނީ ނިޒާމުގެ ކުރިމައްޗަށް އެމީހުން ހުށަހެޅޭ ހިނދުން ފެށިގެން، މުޖުތަމައުއަށް އަނބުރާ ރުޖޫއަވަންދެން މެދުކެނޑުމެއް ނެތި ދެވޭ ފަރުވާއެއް ކަމުގައި ގާނޫނުގައި ކަނޑައެޅިގެން ބަޔާންކުރުމަށްޓަކައި އެ ގާނޫނަށް ގެނެވޭ އިސްލާހުތަކެއް ކަމަށް އޭޖީ އޮފީހުން ބުންޏެވެ.