ކަމުގެ އަސްލު މައްސަލަ ނުބަލައި، ނޫސްވެރިން ކުށްވެރިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ބަޔާންތައް ނެރުމަކީ މިނިވަން ނޫސްވެރިކަމަށް ހިޔަނި އެޅުވުމަށް ކުރާ ކަމެއް ކަމަށް އެޑިޓާސް ގިލްޑުން ބުނެފިއެވެ.
ރާއްޖޭގެ ހުރިހާ މީޑިއާތަކުގެ އެޑިޓަރުން ގުޅިގެން އުފައްދާފައިވާ އެޑިޓާސް ގިލްޑުން މިހެން ބުނެފައި ވަނީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން ''މިހާރު'' ނޫހުގައި ޝާއިއު ކުރި ރިޕޯޓަކާ ގުޅޭ މައްސަލަ ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241) ކޮމިޓީން ބަލަމުންދާތީ ނެރުނު ބަޔާނެއްގައެވެ.
އެޑިޓާސް ގިލްޑުން މިއަދު ނެރުނު ބަޔާނުގައި ބުނީ، ނޫސްތަކުގައި ލިޔާ ލިޔުންތަކުގެ މައުލޫމާތު ދޭ މަސްދަރު ހާމަނުކުރުމުގެ އިހުތިޔާރު ނޫސްވެރިންނަށް ގާނޫނުގެ ތެރެއިން ލިބިދީފައިވާ ކަމަށެވެ.
އެހެންކަމުން އެ ރިޕޯޓު ލިޔުނު ނޫސްވެރިޔާ އަދި އެ ނޫހުގެ މަސްދަރާ ސުވާލު ނުކޮށް އެ މައްސަލަ ބެލޭނެ ގޮތަކީ ކޮބައިތޯ ސުވާލު އުފެދޭ ކަމަށާއި އަދި އެކަން އެހެން އޮއްވައި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އެ މައްސަލަ ބެލޭނެ ގޮތަކީ ކޮބައިތޯ ވަނީ ސުވާލު އުފައްދައިފައެވެ.
''އެހެންކަމާއެކު، ކަމުގެ އަސްލު މައްސަލަ ނުބަލައި ނޫސްވެރިން ކުށްވެރިކޮށްވާ ގޮތަށް އެފަދަ ބަޔާންތައް ނެރުމަކީ މިނިވަން ނޫސްވެރިކަމަށް ހިޔަނި އެޅުވުމަށް ކުރާ ކަމެއް ކަމުގައި ދެކެމެވެ. އަދި އެއީ ކަންބޮޑުވުމެއް ކަމުގައި ވެސް ދެކެމެވެ.'' ބަޔާނުގައި ބުނެފައިވެއެވެ.
އެޑިޓާސް ގިލްޑުން އިތުރަށް ބުނީ، ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅުގެ މައުލޫމާތަކީ ވަކި ބަޔަކަށް ނޫނީ ލިބިގެންވާނެ މައުލޫމާތެއް ނޫން ކަމަށް މަޖިލީހުން ބުނެފައިވާ އިރު، އެމަނިކުފާނު ދިރިއުޅުއްވި ގެކޮޅަކީ ގިނަ ބަޔަކު ވަދެ ނުކުމެ އުޅޭ އަދި އެންމެނަށް ފެންނަން ހުންނަ ތަނެއްކަމުން، ބަޔަކު ނުބުންޏަސް ނޫސްވެރިންނަށްވެސް އެކަން ފެންނާނެ ކަމަށެވެ.
އަދި ނޫސްވެރިން ލިޔާ ލިޔުމެއްގެ ސަބަބުން އެ ނޫހެއް ޕީނަލައިޒްކޮށް، ނޫސްވެރިޔާ މާޖިނަލަައިޒް ކުރުމަކީ އެޑިޓަރުން ބަލައިގަންނަ ކަމެއް ނޫން ކަމަށާއި މިހާރު ނޫހާ ގުޅޭ ގޮތުން ކޮށްފައިވާ ތުހުމަތަކީ ޖާއިޒު ތުހުމަތެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު