އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕު (އެސްޕީޖީ)ގެ ކޮމާންޑަރުން ބަދަލުކޮށްފިއެވެ.

އެމްއެންޑީއެފް އެސްޕީޖީގެ ކޮމާންޑަރުން ބަދަލުކޮށްފައި މިވަނީ އެމްއެންޑީއެފްގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ މައުލޫމާތުތަކެއް "މިހާރު" ނޫހަށް ދިން މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމާފައިވަނިކޮށެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް "ވަން"އަށް ވިދާޅުވީ އެސްޕީޖީގައި ކުރިން ތިބި ކޮމާންޑަރުން ބަދަލުކޮށްފައިވާ ކަމަށާއި އެ މަގާމުތަކަށް އާ އޮފިސަރުންތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.

އެސްޕީޖީގެ ކޮމާޑިން އޮފިސަރަހަކަށް ހަމަޖައްސާފައިވަނީ ލެފްޓިނަނަންޓް ކާނަލް އަބްދުލް މުއިއްޒު މުސްތަފާއެވެ. އަދި އެސްޕީޖީގެ ޑެޕިއުޓީ ކޮމާންޑިން އޮފިސަރަކަށް މޭޖާ މޫސާ ރަމީޒު ހަމަޖެއްސި އިރު، ފަސްޓް ސާޖަންޓަކަށް ހަމަޖައްސާފައިވަނީ ފަސްޓް ސާޖަންޓް އަބްދުﷲ ޖަމީލެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ "މިހާރު" ނޫހުގައި އިއްޔެ ޝާއިއުކުރި އާޓިކަލެއްގައި ރައީސް ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ތެރޭގައި ލިބިފައިވާ މައުލޫމާތާއި، ހާއްސަކޮށް އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ތަފްސީލީ މައުލޫމާތު ބަޔާންކޮށްފައިވާ ކަމަށެވެ.

އެފަދަ މައުލޫމާތަކީ އާންމުކޮށް ގައުމީ ސަލާމަތާއި އަމަންއާންމު ރައްކާތެރިކުރުމުގެ ގޮތުން މައުލޫމާތު އެއްކުރުމުގެ ބާރާއި އިހުތިޔާރު ލިބިފައިވާ ބައެއްގެ ތެރެއިން އެކަމަށް ހާއްސަކޮށްފައިވާ ބަޔަކު އެއްކުރާ މައުލޫމާތުތަކެއް ކަމަށް އެ ކޮމިޓީން ދެކޭ ކަމަށާއި އެ މައުލޫމާތު އެގޮތަށް އާންމުވުމަކީ ރައީސް ނަޝީދުގެ ހިމާޔަތާއި ރައްކާތެރިކަމާއި، ގ. ކެނެރީގޭގައި ދިރިއުޅުއްވާ އެމަނިކުފާނުގެ މުޅި އާއިލާގެ ރައްކާތެރިކަން ގެއްލިގެންދާ ކަމެއް ކަމުގައިވެސް އެ ކޮމިޓީން ދެކޭ ކަމަށް ބުނެފައިވެއެވެ.