މި މަހުގެ ހަވަނަ ދުވަހުގެރޭ އައިއީޑީއެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ޒިންމާ އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވައި، ޕްރޮޕަގެންޑާއެއް ފަތުރަން ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނުގެ ޕާޓީ، އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން އެކަމަށް ތުހުމަތުކޮށްފައި ވަނީ، ރައީސް ނަޝީދު އެމަނިކުފާނުގެ އާއިލީ ގެކޮޅު، ގ. ކެނެރީގޭގައި ދިރިއުޅުއްވާ ނަމަ ވަރަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށާއި، އެ ގެ ހުރި ގޮތާއި ހުރި ތަނުގެ ގޮތުން ސަލާމަތީ ކަންކަން ނުބެލެހެއްޓިދާނެކަން އެމްއެންޑީއެފުން ނަޝީދަށް ތަކުރާރުކޮށް އެންގިކަން އެނގިފައިވާކަމަށް ބުނެ "މިހާރު" ނޫހުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ވަނީ، މިމަހުގެ ހަ ވަނަ ދުވަހުގެރޭ ދިން ޓެރަރިސްޓް ހަމަލާއިން، ލިބިވަޑައިގެންނެވި ބޮޑެތި ޒަހަމުތަކާއި އަނިޔާތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ މިދަނޑިވަޅުގައި، ރައީސް ނަޝީދުގެ ސިކިއުރިޓީއާ ބެހޭގޮތުން ފޮރުވިގެން ހުރި ފަރާތަކާ ހަވާލާދީ އެމަނިކުފާނަށް އިތުރަށް ފުރައްސާރައަކަށް ވާގޮތަށް "މިހާރު" ނޫހުން ޕްރޮޕަގެންޑާ ފަތުރާފައިވާތީ، އެކަމާ މެދު ކަންބޮޑުވެ، އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ.
ރައީސް ނަޝީދަކީ ކްރިޓިކަލް ލެވެލްގެ ރިސްކް އޮތް ފަރާތެއްކަން ސަލާމަތީ ހިދުމަތްތަކަށް އެނގިފައިވާ އިރު، އަދި ގާނޫނުއަސާސީން އެމަނިކުފާނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ލާޒިމުކޮށްފައިވާ އިރު، އެމަނިކުފާނު އަވަހާރަކޮށްލުމުގެ ޓެރަރިޒަމުގެ ހަމަލާ މަޖީދީމަގުން ރައްދުވުމުން، އެމަނިކުފާނަށް އެގޮތަށް އިލްޒާމު އެޅުވުމަށް މަސައްކަތްކުރުމަކީ ސިދާ ޕްރޮޕަގެންޑާއެއް ކަމަށްވެސް ބުނެފައިވެއެވެ.
"ޓެރަރިޒަމުގެ އެ ހަމަލާ އަމާޒުވެ، އަނިޔާ ލިބުނު ފަރާތަށް އިލްޒާމުއަޅުވައި މިގޮތަށް ޕްރްޕަގެންޑާ ފަތުރާފައިވާ އިރު، އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައާއި، ސިފައިންގެ އެންމެ މަތީ ވެރިޔާކަމުގެ މަގާމުގައި ހުންނަވަނިކޮށް، ހަތެއް ފެބްރުއަރީ 2012 ގައި ސިފައިންގެ މައި މަރުކަޒުގެ ތެރޭގައި ވެސް އެމަނިކުފާނަށް ރައްކާތެރިކަން ފޯރުކޮށްދެވިފައިނުވާކަން ކަންބޮޑުވުމާއެކު ހަނދާން އާކޮށްލަމެވެ. އަދި ޖެހިގެން އައި އަށެއް ފެބްރުއަރީ 2012 ގައި ވެސް، ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި މީހަކަށް ކަށަވަރުކޮށްދޭންޖެހޭ ސަލާމަތާ ރައްކާތެރިކަން އެމަނިކުފާނަށް ކަށަވަރުކޮށް ނުދީ، ސަލާމަތީ ހިދުމަތްތަކުން އެމަނިކުފާނު އަނިޔާގެ ތެރެއަށް ދޫކޮށްލާފައިވެއެވެ..،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ "މިހާރު" ނޫހުގައި ލިޔެފައިވާ ސެކިއުރިޓީގެ މައްސަލަތަކާ ބެހޭ ވާހަކަދެއްކުމުގައި ހަވާލާދީފައިވާ ފަރާތަކީ އެނޫހަށް ޔަގީންކުރެވޭ ފަރާތެއްކަން އެ ލިޔުމުގައި ބަޔާންކޮށްފައިވާ އިރު، އެފަރާތުން އެ ނޫހާ ދައްކާފައި ހުރީ ސީދާ ރައީސް ނަޝީދުގެ ސިކިއުރިޓީ ކަންކަމާ ގުޅޭ ފަރާތެއްގެ ހައިސިއްޔަތުން ދެއްކި ވާހަކަތަކެއްކަން އަންގައިދިނުމުގެ ގޮތުންކަމަށް ދެކޭތީ، އެ ވާހަކަ ދައްކާފައިވަނީ ސަލާމަތީ ހިދުމަތްތަކަށް ނިސްބަތްވާ ނުވަތަ ސިކިއުރިޓީ މައްސަލަތަކުގެ މައުލޫމާތު ރަސްމީ ހައިސިއްޔަތުން ލިބޭ ފަރާތަކުން ކަމަށް ގަބޫލުކުރާ ކަމަށެވެ.
"މިއީ ވެސް މި ޕާޓީން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. ސެކިއުރިޓީ ކަންކަމާ ގުޅޭ ފަރާތެއްގެ ހައިސިއްޔަތުން ފޮރުވިގެން ހުރެ ސެކިއުރިޓީއާ ބެހޭ މައުލޫމާތު ނޫހަށް ފޯރުކޮށްދިނުމަކީ ނުހަނު ސީރިއަސް މައްސަލައެއް ކަމަށް ދެކެމެވެ. އެހެންކަމުން، ފޮރުވިގެން ހުރެ ސިކިއުރިޓީއާ ބެހޭ މައުލޫމާތު ނޫހަށްދީ، ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް މި ދަނޑިވަޅުގައި ވެސް ޕްރޮޕަގެންޑާ ފެތުރުމަށް މަސައްކަތްކުރާ ފަރާތަކީ ސަލާމަތީ ހިދުމަތްތަކަށް ނިސްބަތްވާ ފަރާތެއްތޯ، ނުވަތަ ރަސްމީ ހައިސިއްޔަތަކުން އެފަދަ މައުލޫމާތު ލިބިފައިވާ ފަރާތެއްތޯ ބެލުމުގެ އަވަސް އަދި ފުރިހަމަ ތަހުގީގެއް ކުރުމަށް ސަލާމަތީ ހިދުމަތްތަކަށް ގޮވާލަން..،" ބަޔާނުގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު