ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ލ.އޮޅުވެއްޔާއި އެ ރަށާއި ގުޅިގެން ލިބިފައިވާ އެންމެހައި ހައްގުތައް ލެޝާ ފްރަންޓިއާޒް އަށް ބަދަލު ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ނޫން ކަަމަށް ސުޕްރީމް ކޯޓުންވެސް ހުކުމް ކޮށްފިއެވެ.
ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްގައިވާ ލ.އޮޅުވެލި ކުއްޔަށް ދިނުމަށްޓަކައި، ސަރުކާރުން ސޮއިކޮށްފައިވާ އެގްރީމެންޓްގެ ދަށުން، އޮޅުވެލި ލާމް ހޯލްޑިން އަށް އެ ރަށާއި ގުޅިގެން ލިބިފައިވާ އެންމެހައި ހައްގުތައް ލެޝާ ފްރަންޓިއާޒް އަށް ވިއްކާލައި، ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ޓޫރިސްޓް ރިސޯޓުތަކާ ގުޅޭ ހައްގުތައް ބަދަލު ކުރުމާ ބެހޭ ގަވާއިދުގެ ދަށުން އޮޅުވެލި ލާމް ހޯލްޑިންސްއަށް އެރަށާއި އަދި އެރަށާ ގުޅިގެން ލިބިފައިވާ އެންމެހައި ހައްގުތައް ލެޝާ ފްރަންޓިއާޒް އަށް ބަދަލު ކުރުމަށް އެދި އޮޅުވެލި ލާމް ހޯލްޑިންސްގެ ފަރާތުން މިނިސްޓްރީ އޮތް ޓޫރިޒަމަށް ހުށަހަޅާފައި ވަނީ 2013 ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.
މިކަމާ ގުޅިގެން އެރަށުގެ ލީސް ހޯލްޑް ރައިޓްސް ބަދަލު ކުރުމާ ގުޅޭ ގޮތުން ހުށަހަޅަން ޖެހޭ އެހެނިހެން ލިޔުންތައް އޮޅުވެލި ލާމް ހޯލްޑިންސްއިން ޓޫރިޒަމް މިނިސްޓްރީ އަށް ހުށަހެޅުމުން، އެ ރަށާ ގުޅޭ ގޮތުން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްތޯ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އިއުލާން ކުރިއެވެ.
އެ އިއުލާނާ ގުޅިގެން 39 ފަރާތަކުން ހުށަހެޅި މައްސަލަތައް ހައްލު ކޮށް އެ ރަށުގެ ލީސް ހޯލްޑްސް ރައިޓްސް 2014 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 22 ގައި ލެޝާ ފްރޮންޓިއާޒް ގެ ނަމަށް ބަދަލު ކުރިއެވެ.
ނަމަވެސް އެކަން ކޮށްފައިވަނީ ޓޫރިޒަމްގެ ގާނުނާއި ޓޫރިސްޓް ރިސޯޓުގެ ހައްގުތައް ބަދަލު ކުރުމާ ބެހޭ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އެކަން ބާތިލު ކޮށްދިނުމަށް އެދި ގ.ވޭލާ ވިލާ މުހައްމަދު އިބްރާހިމް ދީދީގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ.
މި މައްސަލަ ބަލައި ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ، އެ ކަން ކޮށްފައިވަނީ ޓޫރިޒަމާ ބެހޭ ގާނޫނާއި ޓޫރިސްޓް ރިސޯޓުގެ ހައްގުތައް ބަދަލު ކުރުމާ ބެހޭ ގަވާއިދާ އެއްގޮތަށް ކަން، ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީއަތަށް ސާބިތު ވާތީ، އޮޅުވެލި ލާމް ހޯލްޑިންގްސް އަށް ލ. އޮޅުވެއްޔާ ގުޅިގެން ލިބިފައިވާ އެންމެހައި ހައްގުތައް، ލެޝާ ފްރަންޓިއާޒް އަށް ބަދަލު ކޮށްފައިވާ ބަދަލުކުރުން ބާތިލު ކުރެވެން ނެތް ކަމަށެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމާމެދު ހިތްހަމަ ނުޖެހިގެން މުހައްމަދު އިބްރާހިމް ދިދީގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.
އެ މައްސަލަ ބަލައި ހައިކޯޓުން ކުރި ހުކުމްގައިވެސް ވަނީ ލ. އޮޅުވެލީގެ ލީސް ހޯލްޑް ރައިޓްސް ބަދަލު ކޮށްފައި ވަނީ، ޓޫރިސްޓް ރިސޯޓުތަކާ ބެހޭ ހައްގުތައް ބަދަލު ކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކޮށްގެން ކަމަށެވެ.
މުހައްމަދު އިބްރާހިމް ދީދީގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ، އެ މައްސަލަ ހައިކޯޓުން ނިންމާފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލަކާ ހިލާފަށް ކަމަށް ބެލެވޭނެ ހަމައެއް ނެތުމާއެކު އެ މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށް ހުކުމް ކުރާ ކަމަށެވެ.
ސުޕްރީމް ކޯޓް