"މިއަދު ހެނދުނު ހޭލެވުނީ ފޯން ކޯލަކަށް، 'އަވަހަށް ތެދުވެބަލަ މިހާރު ތިން މީހުން ނިޔާވެއްޖެ،' އެ ތިން މީހުންގެ މަރުގެ ހަބަރު ޓުވީޓު ކޮށް ނުނިމެނީސް، އިތުރު ތިން މީހަކު މަރުވި ހަބަރު ލިބުނީ،" މިއީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޓުވީޓާ އެކައުންޓް މެދުވެރިކޮށް ކޮވިޑް މަރުތަކުގެ ހަބަރުތައް އާންމުންނަށް ގެނެސްދޭ ލުބާނާ ލަބީބް، އޭނާގެ ފޭސްބުކް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެކެވެ.
ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯސް ވެ، މިހާރު ވަނީ ސިސްޓަމަށް ނުތަކާ ހިސާބަށް ކަންކަން ގޮސްފައެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކު ޕޮޒިޓިވް ވެ، އެތައް ބައެއްގެ ފުރާނަ މިދަނީ ގެއްލެމުންނެވެ. ރާއްޖޭގައި މިހާތަނަށް މި ބަލި 61،000 އަށްވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު، މިހާރުވެސް މި ބައްޔަށް 24،000 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދަމުން އެބަދެއެވެ.
ބަލީގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެ، މަރުވާ އަދަދުވެސް މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިއަދުގެ ހެނދުނާއި ހަމަޔަށް އެކަނިވެސް ރާއްޖެއިން 157 މީހަކު ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ. މިމަހު އެކަނިވެސް 83 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ. މި މަހުގެ 25 ވަނަ ދުވަހު 13 މީހަކު މި ބަލީގައި ދުނި ދޫކޮށްފައިވެ އެވެ. މި ބަލީގައި މަރުވި އެންމެ ޒުވާން މީހާ މަރުވެފައިވަނީ މިމަހުގެ ތެރޭގައެވެ. އޭނާއަށް އެންމެ 30 އަހަރެވެ.
ކޮވިޑްގެ ހާލަތު ވަރަށް ސާފުކޮށް ނަންބަރުތަކުން އެބަ ކިޔައިދެއެވެ. ހަމަ އެއާއެކު ސޯޝަލް މީޑިއާއިންވެސް އެ ހަގީގަތް ވަރަށްވެސް ސާފެވެ. ފޭސްބުކް، ޓުވިޓާ ނުވަތަ ވައިބާ ހުޅުވާލި ނަމަވެސް ފެންނަނީ މާޔޫސްކޮށްލާ ފަދަ ހަބަރުތަކެވެ. މަރުގެ ހަބަރުތަކުން މުޅި ސޯޝަލް މީޑިއާ އޮތީ ފުރިފައެވެ.
"ކޮވިޑް ޖެހިގެން މިގެއިން ތިން މީހުން މަރުވެއްޖެ، ކާފަ މަރުވީ މިދިޔަ އަހަރު، އޭގެ ފަހުން އަންކަލްއެއް، ނައު މައި ޑޭޑް، ހެޔޮ ނުވާނެ. އެންމެންވެސް މިކަން ސީރިއަސްކޮށް ނަގަން އެބަ ޖެހޭ. ކޮންމެ ދުވަހަކުވެސް ގެއްލިގެން ދަނީ އެތައް ފުރާނައެއް،" ޒުވާނަކު ވަރަށް އާދޭހާއެކު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވެ އެވެ.
މިފަދަ އެތައް ޓުވީޓެއް އަދި އެތައް ޕޯސްޓެއް ކޮންމެ ދުވަހަކު ފެނެއެވެ. މުޅި ސޯޝަލް މީޑިއާގައި އޮންނަނީ ގާތް އެކުވެރިއެއް ނުވަތަ ގާތް މީހެއްގެ ބައްޕައެއް ނުވަތަ އާއިލާގެ މެންބަރަކަށް ކޮވިޑް ޖެހިގެން މި ދުނިޔެ ދޫކުރި ހަބަރެވެ. ވަރަށް ވެސް ހިތާމަވެރި، އެހާމެ ހިތްދަތި ހަބަރުތަކުން ސޯޝަލް މީޑިއާ މިވަނީ ފުރިފަ އެވެ.
ޒުވާނަކު މީގެ ދެ ދުވަހެއް ކުރިން ކޮށްފައިވާ ޓުވީޓެއްގައިވެއެވެ. އެއް އާއިލާއެއްގެ ތިން މީހުންގެ މަރާއެކު ސިހުން ލިބިފައިވާ ވާހަކައެވެ. އޭނާގެ އާއިލާ މެންބަރެއްގެ ފިރިމީހާ އާއި އެއްބަނޑު އެއްބަފާ ދައްތަ އާއި ބޭބެ ވަކިވެގެންދިޔަ ވާހަކައެވެ. އެވެސް އެހާމެ ކައިރި ކައިރީގައެވެ. އެންމެ އާއިލާއަކުން ތިން މީހުންނެވެ. މިފަދަ ހިތްދަތި އެތައް ވާހަކަތަކެއް ކޮންމެ ދުވަހަކު ސޯޝަލް މީޑިއާގައި އަރައި ފައިބައިގެން އެބަ ދެއެވެ.
މިއީ ހަމައެކަނި ނަންބަރުތަކެއް ނޫނެވެ. މިއީ ކޮންމެވެސް އާއިލާއެއްގެ، ފިރިއެއް، އަންބެއް، ދަރިއެއް، ނުވަތަ މަންމައެއް ނޫނީ ބައްޕައެކެވެ. ނުވަތަ ގާތް އެކުވެރިއެކެވެ. ސޯޝަލް މީޑިއާ ބަލައިލި ކޮންމެ ދިމާއަކުންވެސް ފެންނަނީ މިފަދަ ހަބަރުތަކެވެ. ކޮންމެވެސް މީހަކު އެ މީހެއްގެ ލޯބިވާ އެންމެނާ ވަކިވެ ދިޔަ ހިތާމަވެރި ހަބަރެވެ. މޫނު ދެކިލާނެ ނަސީބުވެސް ނުލިބޭ މަރެއްގަ އެވެ.
ލުބާނާގެ ޕޯސްޓް ނިންމައިލަމުން ބުނެފައި ވަނީ ކޮންމެ ދުވަހަކު އެތައް މަރެއްގެ ހަބަރު ރިޕޯޓް ކުރުމަކީ އަސަރުކުރާ ކަމެއް ކަމަށެވެ. "އަހަރެންނަށް އެ ވަރަށް އަސަރު ކުރާއިރު، މަރުވާ އާއިލާތަކަށް ކުރާނެ އަސަރު ވިސްނާލަންވެސް ދަތި." އޭނާ ބުނެފައިވެއެވެ.
މި ބަލީގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާއިރު، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ތިން މީހުން މިދަނީ މަރުވަމުންނެވެ. ބައެއް ދުވަސް ދުވަހު ނަންބަރުތައް ހުންނަނީ ބިރުވެރި ހިސާބެއްގައެވެ. އެންމެންވެސް ދައްކަމުން މިދަނީ އެއް ވާހަކައެކެވެ. މިއީ އެންމެންގެ ސަލާމަތަށްޓަކައި މަސައްކަތް ކުރަންވީ ވަގުތެވެ. މިއީ ހަމައެކަނި ނަންބަރުތަކެއް ނޫނެވެ. މިއީ ކޮންމެވެސް މީހެއްގެ އާއިލާ މެންބަރެކެވެ. ގާތް ރަހުމަތްތެރިއެކެވެ. މިހާލަތުން އަރައިގަތުމަށް އެންމެން އެކުގައި މަސައްކަތް ކޮށްގެން ނޫނީ ފުރާނަ ސަލާމަތް ކުރެވޭކަށް ނެތެވެ. ނެތިގެން މި ދަނީ ދިވެހި ގައުމީ ޖީލުގެ މުހިންމު ބައެކެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް