ކޮވިޑުގެ ކަންކަމުގައި އެހީވުމަށް ވޮލަންޓިއާ ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުޅުވާލި ފުރުސަތުގައި 1000 އަށްވުރެ ގިނަ މީހުން ނަން ނޯޓުކޮށްފިއެވެ.
މާލެ ސަރަހައްދުގައި ކޮވިޑުގެ ހާލަތު ގޯސްވެ، ހިދުމަތް ދިނުމުގައި ބުރޫ އަރައި، އެކަށީގެންވާ ހިދުމަތްތަކެއް ނުލިބުމުގެ ސަބަބުން އާންމުންގެ ޝަކުވާ ވަނީ އިތުރުވެފައެވެ. އެކަމާ ގުޅިގެން ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އާންމުންނަށް ފަސޭހަކަމާއެކު ހިދުމަތްތައް ލިބޭނެ ގޮތްތައް ހެދުމަށް ވޮލަންޓިއަރުން ހޯދުމަށް މިދިޔަ އަންގާރަ ދުވަހު ހުޅުވާލިއެވެ.
އެޗްޕީއޭ އިން މިރޭ ބުނީ މި ހާލަތުގައި ސަރުކާރުގެ މަސައްކަތްތަކަށް އެހީވުމަށް އެތައް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާތީ އުފާ ކުރާ ކަމަށެވެ.
އެގޮތުން މިހާތަނަށް 1000 އަށްވުރެ ގިނަ މީހުން ވޮލަންޓިއާ ކުރުމަށް ފޯމު ހުށަހަޅާފައިވާ ކަމަށާއި އެ ފޯމްތައް ޕްރޮސެސް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ބުންޏެވެ. އަދި މިވަގުތަށް ފޯމު ބަލައިގަތުން ހުއްޓާލާފައިވާ ކަމަށްވެސް ބުންޏެވެ.
އެޗްޕީއޭ އިން ވަނީ މިފަދަ ކަންކަމަށް ރައްޔިތުން ދެމުންގެންދާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.
ވޮލަންޓިއަރުންގެ ގޮތުގައި މިހާރުވެސް ބައެއް މީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކޯލް ސެންޓަރުގައި މާލޭ ސިޓީ ކައުންސިލްގެ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން ހަރަކާތްތެރިވަމުން އަންނަ އިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ގެންދަވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ.
މީގެ އިތުރުން ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގައި ނަރުސްކަން ކިޔަވަމުންދާ 136 ދަރިވަރަކު ވޮލަންޓިއާކޮށް މަސައްކަތް ކުރުމަށް ކޮވިޑް ފެސިލިޓީތަކުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު