ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އިތުރު 1،497 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 1،497 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 36،862 އަށް އަރާފައިވާ ކަމަށެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ 901 މީހެކެވެ. އެއީ މާލެ ސަރަހައްދުން 468 މީހަކާއި އަތޮޅުތެރެއިން 417 މީހަކާއި ރިސޯޓުތަކުން 11 މީހަކާއި ތަރައްގީ ކުރަމުން އަންނަ ރަށަކުން ހަތަރު މީހެއް އަދި ސިނާއީ މަސައްކަތް ކުރާ ރަށަކުން އެކަކެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކޮވިޑް ކޭސްތަކުގެ އަދަދު އުޅެނީ 300 އިން މަތީގައެވެ. އެ އަދަދުތައް 600 އިން މައްޗަށް އެރުމަށްފަހު، ކޭސްތައް 700 އިން މައްޗަށް ވެސް އެރިއެވެ. އަދި މިމަހުގެ އަށްވަނަ ދުވަހުން އަދަދުތައް އުޅުނީ 1000 އިން މަތީގައެވެ. މިއަދަކީ ގާތްގަނޑަކަށް ދެ ހަފުތާ ފަހުން އަދަދުތައް 1000 އިން ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.
ރާއްޖޭގައި މިހާރު ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 24،818 މީހެކެވެ. އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާ އިރު ހޮސްޕިޓަލުތަކުގައި 252 މީހަކު އެބަ ތިއްބެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 155 މީހަކު ވަނީ މަރުވެފައެވެ. އެއީ 141 ދިވެހިންނާއި 14 ބިދޭސީންނެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު