މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވި ޒުވާނާ ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް އެއީ ކޮވިޑް މަރެއްގެ ގޮތުގައި ނުބަލާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އެކްސިޑެންޓުގައި ރޭ މަރުވި މީހާ ކޮވިޑަށް ޕޮޒިޓިވްވި ކަމަށެވެ. ނަމަވެސް އެއީ ކޮވިޑް މަރެއްގެ ގޮތުގައި ނުބަލާނެ ކަމަށް ވިދާޅުވިއެވެ.

ސަބަބެއް ކަމަށް ވިދާޅުވީ އޭނާ މަރުވެފައިވަނީ ކޮވިޑް ބަލީގައި ނޫން ކަމަށާއި މަރުވީ އެކްސިޑެންޓުގައި ލިބުނު އަނިޔާއާ ގުޅިގެން ކަމަށެވެ. އެހެންކަމުން ރާއްޖެއިން މި ބަލީގައި މަރުވީ 150 މިހުންނެވެ.

މި އެކްސިޑެންޓުގައި މަރުވެފައިވަނީ އުމުރުން 22 އަހަރުގެ އިސްމާއިލް ޔަޒްދާން އަލީ އެވެ. އެކްސިޑެންޓު ހިނގި އިރު ޔަޒްދާން އިނީ ސައިކަލުގެ ފަހަތުގައެވެ. ސައިކަލް ދުއްވަން އިން މިހާ އެކްސިޑެންޓު ހިނގުމާއެކު ފިލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދިވެސް އޭނާ ނުފެންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.