މިއަހަރު ދޮޅު މިލިއަނާ ގާތަށް ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މިދިޔަ އަހަރު ޖުލައި މަހު ބޯޑަރު ހުޅުވާލުމަށްފަހު، ނޮވެމްބަރު މަހުގެ ނިޔަލަށް ފަތުރުވެރިންގެ ޒިޔާރަތްކުރި އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އަދި ވެކްސިންގެ ހަބަރާއެކު ފަތުރުވެރިން ޒިޔާރަތްކުރި އަދަދު އިތުރުވެގެން ގޮސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އަންދާޒާ ކުރި ވަރަށްވުރެ ގިނައިން މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރު ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމަށް މިދިޔަ އަހަރު ފުރަތަމަ ބަޖެޓް ތައްޔާރުކުރި އިރު އަންދާޒާކުރީ ހަ ލައްކަ ފަތުރުވެރިން ކަމަށާއި އަދި އޭގެ ފަހުން އަނެއްކާވެސް ބަޖެޓް ނަމްބަރުތައް ރިވައިޒްކޮށް، އެޕްރޫވްޑް ބަޖެޓުގައި ހިމަނާފައިވާނީ އެއް މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"2021 ވަނަ އަހަރު މިހާތަނަށް ޒިޔާރަތްކުރި ވަނަ އަހަރު މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް ބަލާއިރު އެއް މިލިިއަން ފަތުރުވެރިންނަށް ވުރެ ގިނައިން ޒިޔާރަތްކުރާނެ ކަމަށް މިހާރު ލަފާކުރެވޭ. 2021 ވަނަ އަހަރު ރާއްޖޭއަށް ޒިޔާރަތްކުރެވޭނެ ކަމަށް ބެލެވެނީ އެއް މިލިއަނާއި 1.5 މިލިއަނާ ދެމެދުގެ އަދަދަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ 2019 ވަނަ އަހަރުގެ މިންވަރަށް ފަތުރުވެރިކަމުގެ ދާއިރާ ރުޖޫއަވާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ކުރީކޮޅުގައި ކަމަށެވެ.