ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރު ކުރިން ރައީސް އޮފީހުގައި ބޭއްވެވި އެ ބައްދަލުކުރެއްވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ، މާލެ ސިޓީ ކައުންސިލުން މިހާރު ކުރަމުން ގެންދާ މައިގަނޑު މައްސައްކަތްތަކާއި އަދި ކުރިއަށް ރާވާފައިވާ ކަންތައްތައް މޭޔަރު މުއިއްޒު، ރައީސް ސޯލިހާ ހިއްސާ ކުރެއްވިއެވެ. އަދި އެ ކަންތައްތައް ސަރުކާރާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަމަށާއި އަދި ސަރުކާރަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ، މި ބައްދަލު ކުރެއްވުމުގައި ސަރުކާރުން މާލެ ސިޓީ ކަންސިލުން މާލޭގެ ކުރިއެރުމަށާއި މާލެ ރައްޔިތުންގެ ލާބަ އާއި މަންފާއަށްޓަކައި ކުރައްވާ ހުރިހާ މަސައްކަތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ. އަދި ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ ސިޔާސަތުގެ ތެރެއިން މާލެ ސިޓީގެ ކަންކަން ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ބާރު އެޅުއްވި ކަމަށްވެސް ބުންޏެވެ.