އިންޓަނެޓުގެ އަގަށް ގެނައި ބަދަލާ އެއްގޮތަށް ކުންފުނިތަކުން ހިދުމަތްތައް ދޭތޯ ބަލާނެ ކަމަށާއި އެކަމާ ހިލާފުވެއްޖެނަމަ ފިޔަަވަޅު އަޅާނަން ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ސީއީއޯ އިލްޔާސް އަހުމަދު ވިދާޅުވެއްޖެއެވެ.
"ނެޓު ހެޔޮ"ގެ ދަށުން ސަރުކާރުން އިންޓަނެޓްގެ ހިދުމަތުގެ އަގުތަކަށް ގެނައި ބަދަލުތައް އިއުލާންކުރުމަށް އޮންލައިންކޮށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިލްޔާސް އަހުމަދު ވިދާޅުވީ، އަގަށް ގެނައި މި ހެޔޮ ބަދަލާއެކު އެކަމުގެ ހަގީގީ ފައިދާ ރައްޔިތުންނަށް ފޯރާނެ މިންވަރާމެދު ބައެއް ބޭފުޅުންގެ ހިތުގައި ސުވާލު އުފެދިދާނެ ކަމަށެވެ.
އެހެންކަމުން އިންޓަނެޓުގެ ހިދުމަތް ދިނުމުގައި، ހިދުމަތް ދޭ ފަރާތްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ސްޕީޑާއި ފެންވަރު ކޮމިއުނިކޭޝަން އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް، ކުރޭތޯ، އެ އޮތޯރިޓީން ބަލަމުންގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އަދި ހަމަ އެގޮތަށް އެކަން ނުވާ ކަމަށް ވެއްޖެއްޔާ އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އަޅަމުން ގެންދާނަން،" އިލިޔާސް ވިދާޅުވިއެވެ.
އެހެންކަމުން ކަމުން ސަރުކާރުން އިންޓަނެޓުގެ އަގަށް ގެނައި މި ބަދަލުގެ ހަގީގީ ފައިދާ ދިވެހި ރައްޔިތުންނަށް ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިންޓަނެޓުގެ އަގުތަކަށް ސަރުކާރުން ގެނައި ގެނައި ހެޔޮ ބަދަލުތައް މިއަދު އިއުލާނު ކުރެއްވިއިރު، ގޭގެއަށް ފޯރުކޮށްދޭ ރެސިޑެންޝަން ޕެކޭޖްތަކުގެ އަގު ވަނީ 30 އިންސައްތަ ކުޑަކޮށްފައެވެ. އަދި ގޭގެއަށް އިންޓަނެޓު ދެވޭނެ އެންމެ ދަށް ސްޕީޑަކީ 2 އެމްބީޕީއެސްކަމަށް ވެސް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.