އިންޓަނެޓުގެ އަގު ހެޔޮކޮށް، އިތުރު ޕެކޭޖުތަކެއް ތައާރަފުކުރަން ލާޒިމުކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް އިންޓަނެޓް ހިދުމަތުގެ އަގު ހެޔޮކުރުމަށް ވާޗުއަލްކޮށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިންޓަނެޓުގެ ހިދުމަތުގެ އަގުތަކަށާއި ސްޕީޑަށް ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލުތަކާ ބެހޭ މައުލޫމާތު ހާމަކޮށްދެއްވީ، މިނިސްޓާ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކޮނޯލޮޖީ އައިމިނަތު ޝައުނާ އެވެ.
އިންޓަނެޓް ހިދުމަތަށް ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލު ތަކުގެ ތޭރަގައި ހިމެނެނީ، ފަސް އެމްބީޕީއެސް ސްޕީޑުގައި 30 ޖީބީގެ އެލަވެންސް 250 ރުފިޔާ އަށް، ތުރޮޓްލް ސްޕީޑު ދެ އެމްބީޕީއެސް، 15 އެމްބީޕީއެސް ސްޕީޑުގައި 100 ޖީބީގެ އެލަވެންސް 500 ރުފިޔާ އަށް، ތުރޮޓްލް ސްޕީޑު ފަސް އެމްބީޕީއެސް، 25 އެމްބީޕީއެސް ސްޕީޑުގައި 200 ޖީބީ އެލަވެންސް 700 ރުފިޔާ އަށް، ޓުރޮޓްލް ސްޕީޑު ފަސް އެމްބީޕީއެސް އެވެ.
މިއާރު ތުރޮޓްލް ސްޕީޑު އާއްމުގޮތެއްގައި ހުންނަނީ އެއް އެމްބީޕީއެސް އާއި ދެ އެމްބީޕީއެސް އާ ދެމެދުގަ އެވެ.
ސަރުކާރުން ބުނީ އިންޓަނެޓްގެ އަގަށް މި ބަދަލު ގެނައުމުން، 60 ޕަސެންޓާއި 75 ޕަސެންޓާ ދެމެދުގެ އަގަކަށް ހިދުމަތުގެ އަގު ހެޔޮވެގެންދާނެ ކަމަށެވެ. އަދި ތުރޮޓްލް ސްޕީޑު ދެ ގުނަ މަތިވާނެ ކަމަށް ވެސް ބުނެފައިވެއެވެ. ސަރުކާރުން ބުނީ، މި ބަދަލާއެކު އިންޓަނެޓުގެ އަގުތަކަށް ބަދަލު ގެންނައުމަށް ހަމަޖެހިފައި ވަނީ ފޭސްތަކަކަށް ބަހާލައިގެން ކަމަަށެވެ.
އޭގެ ތެެރެއިން ފުރަތަމަ ފޭސްގައި، ދިރާގާއި އުރީދޫގެ ރެޒިޑެންޝަން އިންޓަނެޓު ހިދުމަތުގެ އަގު އަންނަ ޖުލައި މަހުގެ ތެރޭގައި 28 ޕަސެންޓާއި 30 ޕަސެންޓާ ދެމެދަށް ދަށްކޮށް ތުރޮޓްލް ސްޕީޑަށް ބަދަލު ގެނައުން ހިމެނެއެވެ.
ދެވަނަ ފޭސްގައި، އަންނަ އޮކްޓޫބަރު މަހުން ފެށިގެން މޯބައިލް ބްރޯޑްބޭންޑްގެ ހިދުމަތަށް ބަދަލު ގެނައުންވެސް އޭގެ ތެރޭގައި ހިމެނެއެވެ.
ސަރުކާރުން ބުނެފައި ވަނީ މި ބަދަލާއެކު އެންމެ އާދައިގެ މިންވަރަށް އިންޓަނެޓުގެ ހިދުމަތް ބޭނުން ކުރާ ފަރާތްތަކާއި ސްކޫލު ކުދިންގެ އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިން ބޭނުންތަކަށާއި އައިސީޓީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.
މި ބަދަލާއެކު 300 ރުފިޔާ އިން މަތީގެ ޕެކޭޖުތަކުގެ ތުރޮޓްލް ސްޕީޑު ފަސް އެމްބީޕީއެސް އަށް ވުރެ ދަށް ނުކުރުމަށް ވަނީ ކަނޑައަޅައިފައެވެ.