ޚަބަރު

ސަރުކާރުން ނެޓުގެ އަގު ހެޔޮކުރުމަށް ކުރާ މަސައްކަތަށް އުރީދޫން ފުރިހަމަ އެއްބާރުލުން ދޭނަން: ނަޖީބް ހާން

2

ސަރުކާރުން ނެޓުގެ އަގު ހެޔޮކުރުމަށް ކުރާ މަސައްކަތަށް އުރީދޫން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދީ ސީއީއޯ ނަޖީބް ޚާން ވިދާޅުވެއްޖެއެވެ.

އިންޓަނެޓުގެ ހެޔޮ އަގު އިއުލާން ކުރުމަށް ވާޗުއަލްކޮށް މިއަދު ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން ނަޖީބު ވިދާޅުވީ، މުޅި ދުނިޔެ ޑިޖިޓަލް ދުނިޔެއަކަށް ބަދަލުވަމުން އަންނަ އިރު، އެކަމުގެ މުހިންމުކަން، ހާއްސަކޮށް މި ބަލިމަޑުކަމުގެ ތެރޭގައި އިހުސާސް ކުރެވޭ ކަމަށެވެ.

އެގޮތުން ކޮންމެ ދުވަހަކުވެސް ހޯދަން ޖެހޭ ހިދުމަތްތައް އެންމެ ފަސޭހައިން ހޯދޭނެ އެއް ވަސީލަތަކީ އިންޓަނެޓް ކަމަށްވާ އިރު، އެކަކުވެސް ބާކީ ނުކޮށް އެންމެނަށް އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އުރީދޫން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިދިޔަ އަހަރުތަކުގެ ތެރޭގައި އިންޓަނެޓުގެ އަގު ހެޔޮ ކުރުމަށް އުރީދޫން އާ ޕްލޭންތަކާއި ޕްރޮމޯތަކެއް ތައާރަފުކޮށް، ބްރޯޑްބޭންޑް އަދި މޯބައިލް އިންޓަނެޓުގެ ހިދުމަތްތަކަކީ އަތްފޯރާ ފަށުގައި ލިބޭނެ ހިދުމަތަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އިންޓަނެޓުގެ އަގު ހެޔޮކުރުމަށާއި އެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރުން އިސްނަގައިގެން ފަށާފައިވާ މަސައްކަތަށް އުރީދޫން މަރުހަބާ ކިޔައި އެކަމުގައި ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ވެސް ނަޖީބު ވިދާޅުވިއެވެ.

ކޮވިޑުގެ މި ބަލިމަޑުކަމުގެ ތެރޭގައި ސަރުކާރާއެކު ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވައި ނަޖީބު ހާން އިތުރަށް ވިދާޅުވީ، އިންޓަނެޓުގެ އަގު ހެޔޮ ކުރުމަށް އުރީދޫ މޯލްޑިވްސް އިން ކުރިއަށް އޮތްތަނުގައިވެސް އިންވެސްޓް ކުރާނެ ކަަމަށެވެ. އަދި އިންޓަނެޓަކީ ގައުމުގެ ތަރައްގީ އާއި އިގްތިސޯދު ރަނގަޅު ކުރަން ބޭނުން ކުރާ ވަސީލަތަކަށް ވާ އިރު، އެކަމުގައި ސަރުކާރަށް އެހީތެރިވާނެ ކަމަށްވެސް ވިދާޅުވިއެވެ.