ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ރިލީޒް ޑޮކިއުމަންޓް ދޫކުރުން ހުއްޓާލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.
އެޗްޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެކަހެރި ކުރާ މީހުންނަށް އެކަހެރިވުމަށް އަންގާ ލިޔުމުގެ އިތުރުން، އެކަހެރިވުމުގެ މުއްދަތު ހަމަވުމުން މިހާރު ދޫކުރަމުންދާ ރިލީޒް ޑޮކިއުމަންޓް ދޫ ނުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެކަހެރިވުމަށް ދޫކުރާ ލިޔުމުގައި އެކަހެރިވުމަށް ކަނޑައަޅާފައިވާ މުއްދަތު ހިމެނޭނެ ކަމަށާއި އަދި އެ ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެމީހަކު އެކަހެރިވެފައިވާ މުއްދަތު ނިމުމަކަށް އަންނާނެ ކަމަށްވެސް އިއުލާނުގައިވެ އެވެ.
އެޗްޕީއޭ އިން ބުނީ، ޕޮޒިޓިވްވާ މީހުންގެ ބަލި ހާލަތާ ގުޅިގެން އެކަހެރިވެ ހުންނަ މުއްދަތު ތަފާތުވާނެ ކަމަށެވެ. އެގޮތުން 14 ދުވަހުގެ މުއްދަތު ނިމޭއިރުވެސް ހުން އައުން، ނޭވާލާން އުދަނގޫވުން، ކެއްސުން ގޯސްވުން ފަދަ ކަންކަން ހުންނަނަމަ، އެކަހެރިވާ މުއްދަތު 21 ދުވަހަށް ދެމިގެންދާނެ ކަމަށެވެ.
އަދި ފަރުވާ ދިނުމަށް މެޑިކަލް ފެސިލިޓީއެއްގައި ހުރި މީހެއްނަމަ، އެކަހެރިކުރެވޭ މުއްދަތު 14 ދުވަހަށްވުރެ އިތުރުވާނެ ކަމަށާއި އެފަދަ މީހުން އެކަހެރިކުރެވޭ ޖުމުލަ މުއްދަތު ބަޔާންވާނީ ޑޮކްޓަރުން އިރުޝާދު ދޭގޮތުގެ މަތިން ކަމަށްވެސް ބުންޏެވެ.
އެޗްޕީއޭ އިން މިގޮތަށް ނިންމި އިރު، ރިލީސް ޑޮކިއުމަންޓްގެ ބޮޑު ބެކްލޮގެއް އޮތް ކަމަށް އެ އެޖެންސީން ދިޔައީ ބުނަމުންނެވެ. އަދި އެކަމުގެ ސަބަބުން ގިނަ ބަޔަކަށް ދިޔައީ ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު