ޔޫރޮޕިއަން ސުޕަ ލީގު ޕްރޮޖެކްޓްގެ މައްސަލައިގައި ބާސެލޯނާގެ އިތުރުން ރެއާލް މެޑްރިޑް އަދި ޔުވެންޓަސް އަށް ގާނޫނީ ފިޔަވަޅު އަޅަން ޔޫއެފާއިން ތައްޔާރުވެއްޖެއެވެ.
ޖުމުލަ 12 ޓީމަކާއެކު ސުޕަ ލީގު އިއުލާން ކުރި ނަމަވެސް އެޓީމުތަކުގެ ތެރެއިން ނުވަ ޓީމަކުން މިހާރު ވަނީ އަމިއްލައަށް ލީގުން ބޭރުވެފައެވެ. ލީގުން ބޭރު ވާން ޖެހުނު އެންމެ ބޮޑު ސަބަބަކަށް ވީ ކްލަބުތަކުގެ ވެރިން ނިންމި ނިންމުމާ ދެކޮޅަށް ކްލަބު ތަކުގެ އިހުލާސްތެރި ސަޕޯޓަރުން ކުރަމުން ދިޔަ މުޒާހަރާތަކެވެ. މެޗުތައް ކުޅުމަށްވެސް އެ ކްލަބުތަކަށް އުނދަގޫތައް ކުރިމަތިކުރުވާފައިވާ އިރު، ސުޕަ ލީގު ފަދަ ފައިސާގެ ބޮޑު ރޯޅިއެއްގައި ފުޓުބޯޅަ ޖެހެން ނޭދޭ ކަމަށް ކުޅުންތެރިންނާއި ކޯޗުން އަދި ލެޖެންޑުންވެސް ވަނީ ފާހަގަކޮށްފައެވެ.
ޔޫއެފާގެވެސް ބޮޑު ޕްރެޝަރަކާއެކު ނުވަ ކްލަބުން ނަން ނެގި ނަމަވެސް އެ ކްލަބުތަކަށްވެސް ޔޫއެފާއިން ވަނީ އަދަބު ދޭނެ ކަމަށް ނިންމައިފައެވެ. އެގޮތުން ސުޕަ ލީގުން ވަކިވި މި ޓީމުތަކުން 15 މިލިއަން ޕައުންޑް އެއްކޮށް ޔުއެފާގެ ގްރާސްރޫޓް ޕްރޮގްރާމަށް ފަންޑް ކުރަން އެންގުމާއި އެއް ސީޒަން ވަންދެން މި ކްލަބްތަކަށް ލިބޭ ފައިސާގެ ފަސް ޕަސެންޓް ޔުއެފާއަށް ނެގުމުގެ އިތުރުން ކުރިއަށް އޮތް ތަނުގައި ސުޕަ ލީގު ފަދަ ޔުއެފާގެ އުސޫލާ ހިލާފު މުބާރާތެއްގައި ބައިވެރި ވެއްޖެ ނަމަ 100 މިލިއަން ޕައުންޑުގެ ޖޫރިމަނާއެއް ދައްކަން އެއްބަސްވުމާއި ޔުއެފާގެ އެ ނޫންވެސް އެހެން ކޮންމެ އުސޫލަކާ ހިލާފު ވެއްޖެ ނަމަ އެ ކްލަބެއް 50 މިލިއަން ޕައުންޑުގެ ޖޫރިމަނާ އެއް ދެއްކުން އަދަބުތަކުގައި ހިމެނެއެވެ. މި ކަންތައްތަކަށް ރަސްމީކޮށް ކްލަބުތަކުން އެއްބަސްވުމެއްގައި ސޮއިކުރަން ޖެހޭނެއެވެ.
ސުޕަ ލީގުގައި މިއަދާ ހަމައަށް ތިން ޓީމަކުން ތިބިއިރު، އެ ކްލަބުތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ޔޫއެފާއިން ވަނީ މިހާރު އިއުލާނު ކޮށްފައެވެ. ޔޫއެފާއިން ބުނެފައި ވަނީ "ޔޫއެފާއިން ގާނޫނީ ފްރޭމްވޯކުން" އެ ކްލަބުތައް ބޭރުވެފައި ވާ ކަން ބެލުމުގެ ތަހުގީގެއް ކުރެވިފައިވާ ކަމަށާއި، ސުޕަ ލީގު ޕްރޮޖެކްޓްގައި މިހާރު ދެމި ތިބި ތިން ކްލަބަށްވެސް ފިޔަވަޅުތައް އަޅަން ހުށަހަޅާފައިވާ ކަމަށެވެ.
ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އިސްވެ ހުރެ ސުޕަ ލީގުގެ ޕްރޮޕޯސަލް އިއުލާން ކޮށްފައިވާ އިރު، ސުޕަ ލީގު ދޫ ނުކުރާ ކަމަށް ކުރިންވެސް ޕެރޭޒް ވަނީ ވިދާޅުވެފައެވެ. ސުޕަ ލީގުގައި މިހާރު ތިބި ކްލަބުތަކުން ބުނެފައި ވަނީ ފުޓުބޯޅައިގެ މާހައުލު ރަނގަޅު ކުރުމަށް ސުޕަ ލީގުގެ ވިސްނުމަކީ މުހިންމު ވިސްނުމެއް ކަމަށާއި ޔޫއެފާ އާއި ފީފާއާވެސް ވާހަކަ ދައްކައި އަދިވެސް ސުޕަ ލީގަށް ފުރުސަތު ހޯދާނެ ކަމަށެވެ. އަދި އިންޒާރު ދިނުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ސުޕަ ލީގު ޓީމުތަކުން ބުނެފައިވެއެވެ.
ސުޕަ ލީގުން ވަކި ނުވެ ތިބި ތިން ޓީމަށް ހަރުކަށި އަދަބު ދޭނެ ކަމަށް ޔޫއެފާ އިން ތަކުރާރުކޮށް ބުނެފައިވާ އިރު، ޔޫއެފާ އިން ދޭނެ ވަކި އަދަބެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު