މިއަހަރުގެ މެއި/ޖޫންގައި އޯލެވެލް ހަދާ ދަރިވަރުން އިމްތިހާނަށް ދިއުމަށްޓަކައި ހާއްސަ ފާހެއް ދޫކުރުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
މިއަހަރުގެ މެއި/ޖޫން އޯލެވެލް އިމްތިހާނު ވަނީ މިމަހުގެ އެއް ވަނަ ދުވަހު ފަށައިފައެވެ. އަދި އިމްތިހާނު ނިމޭނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޮވިޑު ކޭސްތައް އިތުރު ވެ، މާލެ ސަރަހައްދުގައި އިތުރު ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އެގޮތުން މާދަމާއިން ފެށިގެން ހަވީރު 4:00 އިން ހެނދުނު 8:00 އަށް ކާފިއު ހިންގުމަށް ވަނީ ނިންމައިފައެވެ. އަދި ކާފިއު ނޫން ވަގުތުތަކުގައިވެސް ބޭރުގައި އުޅެވޭނީ ފުލުހުން ދޫކުރާ ފާސް ހިފައިގެންނެވެ.
އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ އޯލެވެލް އިމްތިހާނު ކުރިއަށްދަނީ ވަރަށް ރަނގަޅަށް ކަމަށާއި އެގޮތުން ޕޮޒިޓިވް ވެފައިވާ ކުދިންނާއި ކަރަންޓީންގައި ތިބި ކުދިންނަށްވެސް ވަކި އެގްޒާމް ހޯލެއްގައި އިމްތިހާނު ހެދުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށެވެ.
"ފުލުހުންނާ ގުޅިގެން، އޯލެވެލް އިމްތިހާނު ހަދަންދާ ދަރިވަރުންނަށާއި އެކުދިންގެ ބެލެނިވެރިންނަށް ހާއްސަ ހުއްދައެއް ދޫކުރުމަށް ވަނީ ނިންމާފައި،" މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ގްރޭޑް ނުވައެއްގެ ދަރިވަރުންގެ އިމްތިހާނުތައް މާލެ ސަރަހައްދާއި ކޮވިޑް ހަލުވިކަމާއެކު ފެތުރެމުންދާ ރަށްތަކުގެ ސްކޫލުތަކުގައި ދަރިވަރުން ހާޒިރުކޮށްގެން ނުބާއްވާނެ ކަމަށެވެ. ނަމަވެސް ޓީޗާ ބޭސް އެސެސްމެންޓް ނުވަތަ އޮންލައިން ކޮށް އިމްތިހާނު ހަދަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން އިތުރަށް ބުނީ ޑޭޓާ ފޯރުކޮށްދެމުން ގެންދާނީ ދިރާގު ނަމްބަރުތަކަށް އެކަނި ކަމަށާއި އެއީ ދިރާގުން 35 ރުފިޔާއަށް ފަސްޖީބީ ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި އުރީދޫ ނަންބަރު ގެންގުޅޭ ފަރާތްތަކުން، ދިރާގު ނަމްބަރެއް ނަގައި، އެ ނަމްބަރަށް ޑޭޓާ ފޯރުކޮށްދޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު