ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް ވަރަށް އަވަހަށް އެންވޯއީއެއް އައްޔަނު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ އެ ތަހުގީގަށް އައި އެމެރިކާގެ އެކްސްޕާޓް މިހާރު ހުރީ ރާއްޖޭގައި ކަމަށާއި އޭނާ ވަރަށް އަވަހަށް ތަހުގީގާ ގުޅޭނެ ކަމަށެވެ.
"މި ތަހުގީގު ކުރިއަށްދާ ގޮތް ބެލުމަށްޓަކައި ސްޕެޝަލް އެންވޯއީގެ ގޮތުގައި އަޅުގަނޑުގެ ފަރާތުން މީހަކު އައްޔަންކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ނިމިގެންދާނެ. އެމެރިކާގެ އެކްސްޕާޓެއް މިވަގުތު ވެސް އެބަހުރި ރާއްޖޭގައި. ވަރަށް އަވަހަށް އެ ތަހުގީގާ އެބޭފުޅާ ގުޅިވަޑައިގަންނަވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާތަނަށް އެކަމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހެއްގެ އިތުރުން އެކަމުގައި އެކި ވަރު ވަރަށް ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ އިތުރު ބަޔަކު ބަންދުކުރެވިފައިވާ ކަމަށެވެ. އަދި އެ ހަމަލާ ރޭވުމުގައި އިސްކޮށް ތިބީ ކޮން ބައެއްކަން ހޯދުމުގެ މަސައްކަތް މިހާރު ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.
"އޭގެ ވެސް ވަރަށް ގިނަ މައުލޫމާތުތަކެއް، ކަމާ ބެހޭގޮތުން ދާންވީ ދިމާ ހޯދުމަށްޓަކައި މައުލޫމާތުތައް ވަނީ އެއް ކުރެވިފައި. އަދި މިކަމުގައި ފައިސާ އެކުލެވިގެންވޭތޯ ބެލުމަށްޓަކައި އެމެރިކާގެ އެކްސްޕާޓާ އެކީގައި މަސައްކަތްތަކެއް ވަރަށް އަވަހަށް ކުރިއަށްދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދީފައިވަނީ މިމަހުގެ ހަވަނަ ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައެވެ. އެ ހަމަލާ ދީފައިވަނީ ކުރުނބާ މޯލްޑިވްސްގައި އޮތް އިވެންޓަކަށް ވަޑައިގަތުމަށް އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ ގ. ކެރެނީގެއިން ނުކުމެވަޑައިގެން ސެކިއުރިޓީންނާއެކު ނީލޯފަރު ހިނގުމުން ހިންގަވާފައި މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަތުމަށް ވަޑައިގަންނަވަނިކޮށް އައިއީޑީއެއް ގޮއްވާލައިގެންނެވެ.
އެ ހަމަލާގައި ރައީސް ނަޝީދަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ އިރު، ފުރަތަމަ ފަރުވާ ހޯއްދެވީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އެއަށް ފަހު އެމަނިކުފާނު މިހާރު ފަރުވާ ހޯއްދަވަމުން އަންނަނީ ޖަރުމަނުވިލާތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު