ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް އެމެރިކާގެ އެކްސްޕާޓަކު ރާއްޖެ އައިސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެ ތަހުގީގަށް އައި އެމެރިކާގެ އެކްސްޕާޓް ވަރަށް އަވަހަށް ތަހުގީގާ ގުޅޭނެ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް ދެވުނު ޓެރަރިޒަމް ހަމަލާގެ ތަހުގީގު ވެސް ވަރަށް ބާރަށް ފުލުސް އޮފީހުގައި ކުރިއަށް އެބަދޭ. އެއީ ބޭރުގެ އެހީތެރިކަމާ އެކުގައި. އެމެރިކާގެ އެކްސްޕާޓެއް މިވަގުތު ވެސް އެބަހުރި ރާއްޖޭގައި. ވަރަށް އަވަހަށް އެ ތަހުގީގާ އެބޭފުޅާ ގުޅިވަޑައިގަންނަވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާތަނަށް އެކަމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހެއްގެ އިތުރުން އެކަމުގައި އެކި ވަރު ވަރަށް ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ އިތުރު ބަޔަކު ބަންދުކުރެވިފައިވާ ކަމަށެވެ. އަދި އެ ހަމަލާ ރޭވުމުގައި އިސްކޮށް ތިބީ ކޮން ބައެއްކަން ހޯދުމުގެ މަސައްކަތް މިހާރު ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.
"އޭގެ ވެސް ވަރަށް ގިނަ މައުލޫމާތުތަކެއް، ކަމާ ބެހޭގޮތުން ދާންވީ ދިމާ ހޯދުމަށްޓަކައި މައުލޫމާތުތައް ވަނީ އެއް ކުރެވިފައި. އަދި މިކަމުގައި ފައިސާ އެކުލެވިގެންވޭތޯ ބެލުމަށްޓަކައި އެމެރިކާގެ އެކްސްޕާޓާ އެކީގައި މަސައްކަތްތަކެއް ވަރަށް އަވަހަށް ކުރިއަށްދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ ތަހުގީގު ކުރިއަށްދާ ގޮތް ބެލުމަށްޓަކައި ސްޕެޝަލް އެންވޯއީގެ ގޮތުގައި އެމަނިކުފާނު ފަރާތްޕުޅުން މީހަކު އައްޔަންކުރެއްވުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ނިމިގެންދާނެ ކަމަށެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދީފައިވަނީ މިމަހުގެ ހަވަނަ ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައެވެ. އެ ހަމަލާ ދީފައިވަނީ ކުރުނބާ މޯލްޑިވްސްގައި އޮތް އިވެންޓަކަށް ވަޑައިގަތުމަށް އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ ގ. ކެރެނީގެއިން ނުކުމެވަޑައިގެން ސެކިއުރިޓީންނާއެކު ނީލޯފަރު ހިނގުމުން ހިންގަވާފައި މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަތުމަށް ވަޑައިގަންނަވަނިކޮށް އައިއީޑީއެއް ގޮއްވާލައިގެންނެވެ.
އެ ހަމަލާގައި ރައީސް ނަޝީދަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ އިރު، ފުރަތަމަ ފަރުވާ ހޯއްދެވީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އެއަށް ފަހު އެމަނިކުފާނު މިހާރު ފަރުވާ ހޯއްދަވަމުން އަންނަނީ ޖަރުމަނުވިލާތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު