މައްޔިތުން އުފުލުމަށް އިސްލާމިކް މިނިސްޓްރީން ދެ ދޯނި ގަތުމުގައި މާލިއްޔަތުގެ ގާނޫނާ ހިލާފުވެފައިވާތީ، އެކަމުގެ ޒިންމާ ނަގަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމާ ބެހޭ ހުރިހާ އިޖުރާއަތްތައް ފުރިހަމަކުރަން ފިނޭންސް މިިނިސްޓްރީއަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީގެ އޮޑިޓު ރިޕޯޓުތަކާ ބެހޭ ގޮތުން ބަލަން ހުރި ކަންތައް ބެލުމަށްފަހު އެ އޮޑިޓް ރިޕޯޓުތަކާ ބެހޭ ގޮތުން 11 ހުށަހެޅުމެއް އެކި ފަރާތްތަކަށް ހުށަހަޅަން ކޮމެޓީން ވަނީ ފާސް ކޮށްފައެވެ.
ކޮމިޓީން ބުނެ ފައި ވަނީ ހުޅުމާލެ ސަހަރާގައި މައްޔިތުން ވަޅުލުމަށް އިސްލާމިކް މިނިސްޓްރީން ހަރަދު ކޮށްގެން ގަތް ދެ ދޯނި އެޗްޑީސީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައި ވަނީ މާލިއްޔަތުގެ ގާނޫނާ ހިލާފަށް ކަމަށެވެ.
ކޮމިޓީން ބުނެފައިވަނީ އިސްލާމިކް މިނިސްޓްރީން އެ ދެ ދޯނި ބޭނުން ކޮށްފައި ވަނީ އެންމެ ތިންމަސް ދުވަހު ކަމަށެވެ. އަދި އެ ދެ ދޯނި ބޭނުން ކުރުން ހުއްޓާލާފައި ވާތީ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އެ ދެ ދޯނި ނީލަން ކިއުމުގައި އޭސީސީގެ އިއުތިރާޒެއް އޮތްތޯ ބެލުމަށް އެ ކޮމިޝަނަށް ލިޔުމުން، އެ ދެ ދޯންޏާ ގުޅޭ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު މިނިސްޓްރީއަށް ވަކި އެއްޗެއް އަންގަންދެން އެ ދެ ދޯނި ނީލަން ކިޔުން ފަސްކުރުމަށް، ހުސްވި 2020 ވަނަ އަހަރު އޭސީސީން އަންގާފައިވާ ކަމަށެވެ.
އެކަން އެގޮތަށް އޮއްވައި ކޮވިޑްގެ ސަބަބުން މާލެ ފުރަބަންދު ކުރުމާ ގުޅިގެން ދޯނިތަކުގެ ހާލަތު ބެލުމަށް ނުދެވުމުން ގަދަ ވިއްސާރައިގައި ދޯނިތަކަށް ދިޔަވެ އެއްކޮށް އަޑިއަށް ގޮސްފައި ވުމުން ދޯނިތަކާމެދު ދެން އަމަލު ކުރާނެ ގޮތެއް އަންގައިދިނުމަށް އެޗްޑީސީން އެ މިނިސްޓްރީއަށް އަންގާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
އެކަމާ ގުޅިގެން ދޯނިތަކާމެދު ދެން އަމަލު ކުރާނެ ގޮތެއް އަންގައިދިނުމަށް އޭސީސީއަށް ހުށަހެޅުމުން، އެ ދޯނިތަކާމެދު މިނިސްޓްރީން ވަކި ގޮތަކަށް އަމަލު ކުރުމަށް ނުވަތަ ވަކި ގޮތަކަށް އަމަލު ނުކުރުމަށް އިއުތިރާޒު ނުކުރާ ކަމަށް އަންގާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
އެގޮތަށް ބާއްވައިގެން ދޯނިތައް ހަލާކުވުމަކީ އިހުމާލެއް ކަމަށާއި، އެކަމުން ލިބޭ ގެއްލުން ކުޑަކުރުމަށް، އެ ދެ ދޯނީގައި އަޅާފައިވާ އިންޖީނު ތަކާމެދު ކަންތައް ކުރާނެ ގޮތެއް އަވަހަށް ނިންމުމަށް އިސްލާމިކް މިނިސްޓްރީއަށް ދެންނެވުމަށް ވެސް ވަނީ ފާސްކޮށްފައެވެ.
މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން އެ ރަށްރަށުގައި ވަޅުލުން ހުއްޓާލައި، ހުޅުމާލޭގައި ވަޅުލާން ފަށާފައި ވަނީ 2017 ވަނަ އަހަރުއެވެ. އޭރު ހުޅުމާލެއަށް މައްޔިތުން އުފުލަނީ އެކަމަށް ހާއްސަ ކޮށްފައިވާ ދޯންޏެއްގައެވެ.
ނަމަވެސް ހަމަ އެ އަހަރުގެ ތެރޭގައި، އެ ނިންމުމަށް ބަދަލު ގެނެސް އެރަށެއްގައި މަރުވާ މީހަކު އެ ރަށެއްގައި ވަޅުލަން ނިންމިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު