ސަރުކާރު އޮފީސްތައް އިތުރު ދެ ހަފުތާއަށް ބަންދު ކުރަން ނިންމައިފިއެވެ.
މާލެ ސަރަހައްދުގައި ކޮވިޑުގެ އަދަދުތައް އިތުރުވުމާ ގުޅިގެން މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން ސަރުކާރު އޮފީސްތައް ވަނީ ބަންދު ކޮށްފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ، މާލެ ސަރަހައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީފަޅު) ގައިވާ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސަވައިފައިވާ މުއްދަތު، އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިތުރުކުރައްވާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ރައީސް އޮފީހުން ނެރުނު ދެންނެވުމެއްގައި ބުނެފައި ވަނީ، އަލަށް އިތުރު ކުރެވުނު މުއްދަތުގެ ތެރޭގައި މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރަމުން ގެންދިއުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހާ ހިދުމަތްތަކެއް އޮންލައިންކޮށް ދެމުން ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ދަންނަވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ސަރުކާރުގެ އިދާރާތަކުން ދޭ އަސާސީ ހިދުމަތްތައް ދިނުމަށާއި، އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މުވައްޒަފުން ހާޒިރުވާން ޖެހިއްޖެ ނަމަ، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިޔަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއަކަށް މުވައްޒަފުން ހާޒިރުވެގެން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތް ކުރެވިދާނެ ކަމުގައިވެސް ބުނެފައިވެއެވެ.
ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖެއްސެވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، މި މުއްދަތުގެ ތެރޭގައި އެޗްޕީއޭއިން އަންގާ އެންގުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަން ގަތުމަށާއި، އެ އެޖެންސީން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
ހަމަ އެއާއެކު މާލެ ސަރަހައްދުގެ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާގޮތަށް ހަމަޖެއްސެވި މި ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ނޫންކަމުގައިވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
ރާއްޖޭގައި އެންމެ ގިނަ މީހުނަށް ކޮވިޑް ޖެހި އަދި އެ ބަލީގައި އެންމެ ގިނަ މީހުން މަރުވެފައި ވަނީ ވެސް މި މަހުގެ ތެރޭގަ އެވެ. ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް މާދަމާއިން ފެށިގެން އިތުރަށް ހަރުކަށި ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް