ކޮވިޑު ބަލި ޖެހިގެން އިތުރު ދެމީހުން މަރުވެ، ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު 144 އަކަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 66 އަހަރުގެ ފިރިހެނަކު ރޭ ދަންވަރު 1:01 ގައި މަރުވެފައިވާ ކަމަށެވެ. އަދި ހަމަ އެ ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 89 އަހަރުގެ ފިރިހެނަކު މިއަދު ހެނދުނު 7:40ގައި މަރު ވެފައިވާ ކަމަށްވެސް ބުންޏެވެ.

މިއާއެކު ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 144 އަށް އަރާފަ އެވެ. އިއްޔެ އެކަނިވެސް ރާއްޖެއިން 13 މިހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ.

މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 144އަށް އަރާފައިވާ އިރު، މީގެ ތެރޭގައި ހިމެނެނީ 130 ދިވެހިންނާއި 14 ބިދޭސީންނެވެ. މި މަހުގެ މިހާތަނަށް 69 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.