ކޮވިޑު ޖެހިފައިވާ މީހަކު އައްޑޫ ސިޓީގައި މަރުވެ، މިއަދުގެ މަރުގެ އަދަދު 11 އަށް އަރައިފިއެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނީ އައްޑޫ ކޮވިޑް ފެސިލިޓީގައި ކޮވިޑަށް ފަރުވާދެމުން ދިޔަ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ 10:20 ގައި މަރުވެފައިވާ ކަމަށެވެ. މިއީ އައްޑޫގައި ކޮވިޑް ބަލީގައި މަރުވި ފުރަތަމަ މީހާއެވެ. އެ މަރާއެކު ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 140 އަށް އަރައިފައެވެ.
މިއަދަކީ އެއް ދުވަހެއްގައި ކޮވިޑް ބަލީގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ދުވަހެވެ. މީގެ ކުރިން އެއް ދުވަހެއްގައި އެންމެ ގިނައިން މީހުން މަރުވި އަދަދަކީ ހަތެކެވެ.
މިއަދު އެންމެ ފުރަތަމަ މަރުވެފައިވަނީ ރޭ ދަންވަރު 2:02ގައި އައިޖީއެމްއެޗްގެ އީއާރަށް ގެންދިޔަ އުމުރުން 81 އަހަރުގެ މީހެކެވެ. ދެވަނަ މަރުވެފައިވަނީ ރޭ ފަތިހު 3:18ގައި ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 77 އަހަރުގެ މީހެކެވެ. ތިންވަނައަށް މަރުވެފައިވަނީ 4:25ގައި އެ ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 58 އަހަރުގެ މީހެކެވެ. އޭގެ ފަހުން އެ ފެސިލިޓީގައި ފަރުވާދެމުންދިޔަ 93 އަހަރުގެ މީހަކާއި 85 އަހަރުގެ މީހަކާއި 78 އަހަރުގެ ދެ މީހަކާއި 41 އަހަރުގެ މީހަކު ވަނީ މަރުވެފައެވެ. އަދި ޅ. ހިންނަވަރުން ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހަކު ވެސް ވަނީ މަރުވެފައެވެ. އެ އެންމެނަކީ ދިވެހީނެވެ.
އޭގެ އިތުރުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ 86 އަހަރުގެ ޖަޕާނުގެ މީހަކުވެސް މިރޭ ވަނީ މަރުވެފައެވެ.
މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 140 އަށް އަރާފައިވާ އިރު، މީގެ ތެރޭގައި ހިމެނެނީ 126 ދިވެހިންނާއި 14 ބިދޭސީންނެވެ. މި މަހުގެ މިހާތަނަށް 65 މީހަކު ވަނީ މަރުވެފައެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު