ރާއްޖެ އިން ކޮވިޑް ޖެހިގެން މިއަދު ދިހަވަނަ މީހަކު މަރުވެ، އެ ބަލީގައި ރާއްޖެ އިން މަރުވި މީހުންގެ އަދަދު 139 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 86 އަހަރުގެ ޖަޕާނުގެ ފިރިހެނަކު މިރޭ 7:53ގައި މަރުވެފައިވާ ކަމަށެވެ.

މިއަދަކީ އެއް ދުވަހެއްގައި ކޮވިޑް ބަލީގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ދުވަހެވެ. މީގެ ކުރިން އެއް ދުވަހެއްގައި އެންމެ ގިނައިން މީހުން މަރުވި އަދަދަކީ ހަތެކެވެ.

މިއަދު އެންމެ ފުރަތަމަ މަރުވެފައިވަނީ ރޭ ދަންވަރު 2:02ގައި އައިޖީއެމްއެޗްގެ އީއާރަށް ގެންދިޔަ އުމުރުން 81 އަހަރުގެ މީހެކެވެ. ދެވަނަ މަރުވެފައިވަނީ ރޭ ފަތިހު 3:18ގައި ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 77 އަހަރުގެ މީހެކެވެ. ތިންވަނައަށް މަރުވެފައިވަނީ 4:25ގައި އެ ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 58 އަހަރުގެ މީހެކެވެ. އޭގެ ފަހުން އެ ފެސިލިޓީގައި ފަރުވާދެމުންދިޔަ 93 އަހަރުގެ މީހަކާއި 85 އަހަރުގެ މީހަކާއި 78 އަހަރުގެ ދެ މީހަކާއި 41 އަހަރުގެ މީހަކު ވަނީ މަރުވެފައެވެ. އަދި ޅ. ހިންނަވަރުން ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހަކު ވެސް ވަނީ މަރުވެފައެވެ. އެ އެންމެންނަކީ ވެސް ދިވެހީންނެވެ.

މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 139 އަކަށް އަރާފައިވާ އިރު، މީގެ ތެރޭގައި ހިމެނެނީ 125 ދިވެހިންނާއި 14 ބިދޭސީންނެވެ. މި މަހުގެ މިހާތަނަށް 64 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.