ރާއްޖެ އިން ކޮވިޑް ޖެހިގެން މިއަދު ނުވަވަނަ މީހަކު މަރުވެ، އެ ބަލީގައި ރާއްޖެ އިން މަރުވި މީހުންގެ އަދަދު 138 އަށް އަރައިފިއެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 41 އަހަރުގެ އަންހެނަކު މިރޭގެ ވަގުތެއްގައި ވަނީ މަރުވެފައެވެ.
މިއަދަކީ އެއް ދުވަހެއްގައި ކޮވިޑް ބަލީގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ދުވަހެވެ. މީގެ ކުރިން އެއް ދުވަހެއްގައި އެންމެ ގިނައިން މީހުން މަރުވި އަދަދަކީ ހަތެކެވެ.
މިއަދު އެންމެ ފުރަތަމަ މަރުވެފައިވަނީ ރޭ ދަންވަރު 2:02ގައި އައިޖީއެމްއެޗްގެ އީއާރަށް ގެންދިޔަ އުމުރުން 81 އަހަރުގެ މީހެކެވެ. ދެވަނަ މަރުވެފައިވަނީ ރޭ ފަތިހު 3:18ގައި ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 77 އަހަރުގެ މީހެކެވެ. ތިންވަނައަށް މަރުވެފައިވަނީ 4:25ގައި އެ ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 58 އަހަރުގެ މީހެކެވެ. އޭގެ ފަހުން އެ ފެސިލިޓީގައި ފަރުވާދެމުންދިޔަ 93 އަހަރުގެ މީހަކާއި 85 އަހަރުގެ މީހަކާއި 78 އަހަރުގެ ދެ މީހަކު ވަނީ މަރުވެފައެވެ. އަދި ޅ. ހިންނަވަރުން ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހަކު ވެސް ވަނީ މަރުވެފައެވެ.
މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 138 އަކަށް އަރާފައިވާ އިރު، މީގެ ތެރޭގައި ހިމެނެނީ 125 ދިވެހިންނާއި 13 ބިދޭސީންނެވެ. މި މަހުގެ މިހާތަނަށް 63 މީހަކު ވަނީ މަރުވެފައެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު