ރާއްޖެ އިން ކޮވިޑް ޖެހިގެން މިއަދު އަށްވަނަ މީހަކު މަރުވެ، އެ ބަލީގައި ރާއްޖެ އިން މަރުވި މީހުންގެ އަދަދު 137 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 78 އަހަރުގެ ދިވެހި އަންހެނަކު މިއަދު މެންދުރުފަހު 2:50ގައި މަރުވެފައިވާ ކަމަށެވެ.
މިއަދު އެންމެ ފުރަތަމަ މަރުވެފައިވަނީ ރޭ ދަންވަރު 2:02ގައި އައިޖީއެމްއެޗްގެ އީއާރަށް ގެންދިޔަ އުމުރުން 81 އަހަރުގެ މީހެކެވެ. ދެވަނަ މަރުވެފައިވަނީ ރޭ ފަތިހު 3:18ގައި ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 77 އަހަރުގެ މީހެކެވެ. ތިންވަނައަށް މަރުވެފައިވަނީ 4:25ގައި އެ ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 58 އަހަރުގެ މީހެކެވެ. އޭގެ ފަހުން އެ ފެސިލިޓީގައި ފަރުވާދެމުންދިޔަ 93 އަހަރުގެ މީހަކާއި 85 އަހަރުގެ މީހަކު އަދި 78 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފައެވެ. މި ހުރިހާ އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.
މިއަދު ހަ ވަނަ އަށް މަރުވެފައިވަނީ ޅ. ހިންނަވަރުގައި ފަރުވާ ދެމުންދިޔަ އުމުރުން ދުވަސްވީ މީހެކެވެ. ނަމަވެސް އެކަން އަދި އެޗްޕީއޭ އިން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 137 އަކަށް އަރާފައިވާ އިރު، މީގެ ތެރޭގައި ހިމެނެނީ 124 ދިވެހިންނާއި 13 ބިދޭސީންނެވެ. މި މަހުގެ މިހާތަނަށް 62 މީހަކު ވަނީ މަރުވެފައެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު