ޚަބަރު

ހެނދުނު 8:00 އިން ހަވީރު 4:00 އަށް ވެސް ބޭރުގައި އުޅުން މަނާވާނެ، އުޅެވޭނީ އެގެޔަކަށް ދޫކުރާ ފާސް ހިފައިގެން!

އަލީ ޔާމިން

ހެނދުނު 8:00 އިން ހަވީރު 4:00 އަށް ވެސް ބޭރުގައި އުޅެވޭނީ އެގެޔަކަށް ދޫކުރާ ފާސް ހިފައިގެން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ހެނދުނު 8:00 އިން ހަވީރު 4:00 އަކަށް ބޭރުގައި އުޅެވޭނީ ކޮންމެ ގެއަކަށް ދޫކުރާ ފާސް ހިފައިގެން ކަމަށެވެ.

އެގޮތުން ކޮންމެ ގެއަކަށް ދެ ފާސް ދޫކުރާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، ގޭގެއަށް ފާސް ދޫކުރާނީ އެގެއެއްގެ މީޓަރު ނަންބަރަށް ބެލުމަށް ފަހުގައި ކަމަށެވެ. އެގޮތުން، ދެ ވަގުތަކަށް ބަހާލައިގެން ކޮންމެ ގެއަކުންވެސް ދެ މީހަކަށް ނުކުމެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގައި ވަނީ ކާފިއުގެ ވަގުތުވެސް 16 ގަޑިއިރަށް އިތުރުކުރަން ނިންމައިފައެވެ. އެގޮތުން ކާފިއުގެ ވަގުތު ވަނީ ހެނދުނު 8:00 އާ ހަމައަށް އިތުރުކޮށްފައެވެ.