ކިޑްނީ ބައްޔަކީ ވަރަށް ގިނަ ދިވެހިން ތަހައްމަލު ކުރަމުންދާ ބައްޔެކެވެ. ކިޑްނީ ފެއިލިވެ ކިޑްނީއެއް ހަދިޔާކުރާނެ މީހަކު ނުލިބިގެން ކިޑްނީ ބަދަލު ނުކުރެވި އެތައް ދިވެހިންނެއް އެބަތިއްބެވެ. ނަމަވެސް ކިޑްނީ ހަދިޔާ ކުރާނެ މީހަކު ލިބި އެ ކިޑްނީ ދިމާވާނެ ކަން އެނގުމުން ލިބޭ އުފާ މާ ބޮޑުވާނެ އެވެ.
މި ރިޕޯޓަކީ، ކިޑްނީ ފެއިލި ވެ އެތައް ދުވަހެއް ފަހުން ކިޑްނީއެއް ލިބި، ޓްރާންސްޕްލާންޓް ހަދާފައިވާ މީހެއްގެ ވާހަކަ އެވެ.
ލ. ހިތަދުއަށް އުފަން އުމުރުން 37 އަހަރުގެ އަބޫބަކުރު މުހައްމަދު މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އިންޑިއާއަށް ދިޔައީ ކިޑްނީ ޑޯނަރެއް ލިބުމުން ޓްރާންސްޕްލާންޓް ކުރުމަށެވެ. އަބޫބަކުރުގެ ކިޑްނީ ފެއިލިވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.
ގިނަ މީހުންނަކީ ކިޑްނީއެއް ހޯދަން އެތައް އަހަރު ދުވަހެއްގެ ދިގު މުއްދަތެއް ހޭދަކުރަން ޖެހޭ މީހުންނެވެ. ނަމަވެސް އަބޫބަކުރުގެ ހަޔާތުގެ މި ވަޅުގަނޑުން އަރައިގަތުމަށް އަތުގައި ހިފީ ލޯބިވާ އަނބިމީހާ އެވެ. އެހެން ކަމުން ލަސްނުކޮށް ކިޑްނީ ބަދަލު ކުރުމަށް ފުރީ ފޮނި އުއްމީޑުތަކާއެކު އެވެ.
އަބޫބަކުރުގެ ބޭބެ، އަހުމަދު މުހައްމަދު "ވަން" އަށް މައުލޫމާތު ދެމުން މިއަދު ބުނީ، ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަން މިދިޔަ މާޗް މަހުގެ ތެރޭގައި ކާމިޔާބު ކަމާއެކު ނިންމާލާފައިވާ ކަމަށެވެ. އަބޫބަކުރާއި އޭނާގެ އަންހެނުންގެ ހާލުވެސް އޮޕަރޭޝަނަށްފަހު ވަރަށް ރަނގަޅު ކަމަށް ބުންޏެވެ.
ނަމަވެސް އެނބުރި ރާއްޖެ އައުމަށް ތައްޔާރުވަމުން ދަނިކޮށް އަބޫބަކުރުގެ ހަށިގަނޑުން ރޯގާގެ އަލާމާތްތައް ފެނުނު ހިސާބުން އަވަހަށް ކޮވިޑަށް ޓެސްޓް ކުރި ކަމަށެވެ. މި ދުވަސްވަރަކީ އިންޑިއާގައި ހަކުވި ކަމާއެކު ކޮވިޑު ފެތުރެމުންދާ ދުވަސްވަރަކަށް ވުމުން އަބޫބަކުރާއި އޭނާގެ އަންހެނުންނާއި އަދި އަބޫބަކުރުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އާއި ކޮއްކޮ ފިރިމީހާވެސް ކޮވިޑަށް ޓެސްޓް ކުރި ކަމަށެވެ. ނަތީޖާ އައި އިރު ކޮއްކޮގެ ފިރިމީހާ ފިޔަވައި އެހެން އެންމެން އެ ކޮވިޑަށް ޕޮޒިޓިވް ކަމަށް އަހުމަދު ބުންޏެވެ.
އަބޫބަކުރު ޕޮޒިޓިވް ވެ، އޭގެ ފަހުން ގަދައަށް ހުން އަންނަން ފެށި ކަމަށާއި، އަވަހަށް ހޮސްޕިޓަލަށް ގޮސް ޓެސްޓުތަކެއް ހެއްދި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ޓެސްޓު ތަކުން ކިޑްނީގެ ކްރިއޭޓިން ލެވެލް (ކިޑްނީ ބަލި ހުންނަ މީހުންނަށް ދިމާވާ މައްސަލައެއް) ހުންނަ ޖެހޭ ވަރަށްވުރެ މަތިވުމުން ވަގުތުން އެޑްމިޓްކޮށް ފަރުވާ ދޭން ފެށި ކަމަށް އަހުމަދު ބުންޏެވެ.
"ކޮއްކޮއަށް ފަރުވާ ދޭން ފެށިތާ 10 ވަރަކަށް ދުވަސް ވީ އިރު ކިޑްނީވެސް ހަމަ ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅުވި. އޮކްސިޖަން ކޮންމެވެސް ވަރަކަށް ދަށްވީމަ ދެން އެ ގުޅާނެ ދޭތެރެ ދޭތެރެއިން އޭރު. އެކަމަކު ފަހުން ކުއްލިއަކަށް އޮކްސިޖަން ލެވެލް މާބޮޑަށް ދަށް ވާން ފެށި. ފަހުން 100 ޕަސެންޓް އޮކްސިޖަންގަ ނޭވާވެސް ލަމުން ދިޔައީ." އަބޫބަކުރުގެ ހާލަތު ކިޔައިދެމުން އޭނާ ބުންޏެވެ.
ފަރުވާދިނުމަށްފަހު ކިޑްނީ ސަލާމަތް ކުރެވުނު ނަމަވެސް ކޮވިޑުގެ ސަބަބުން އަބޫބަކުރުގެ ފުއްޕާމޭ ވަނީ ހަލާކުވެފަ އެވެ. އޭގެ ސަބަބުން ނޭވާލުމަށް ދަތިތަކާ ކުރިމަތިވެ އޮކްސިޖަން ނުހިފެހެއްޓި އޭނާ ވަނީ މިއަދުގެ ވަގުތެއްގައި މަރުވެފަ އެވެ.
އުމުރުން 18 އަހަރު ނުފުރޭ ތިން ކުދިންގެ ބައްޕައެއް ކަމަށްވާ އަބޫބަކުރު މަރުވީ ކޮވިޑަށް ފަރުވާ ހޯދަމުން އަންނަތާ 26 ވަނަ ދުވަހު އެވެ. މިއަދު އަބޫބަކުރު މަރުވިކަން އާއިލާ އަށް އަންގާފައިވަނީ ހެނދުނު 10:45ގައި ކަމަށް އަހުމަދު ބުންޏެވެ.
އާއިލާ ގިނަ މީހުން މިވަގުތު ރާއްޖޭގައި ތިބުމުން އޭނާގެ ހަށިގަނޑު މާލެ ގެނަައުމަށް މަސައްކަތް ކުރި ނަމަވެސް އެކަން އަދި ކާމިޔާބު ނުވާ ކަމަށް ބުންޏެވެ. ކޮވިޑުގެ ހާލަތު މިހާ ގޯސް ވެފައިވާ ދަނޑިވަޅެއްގައި ކޮވިޑު ޖެހިގެން މަރުވި މީހެއްގެ ހަށިގަނޑު އެއް ގައުމުން އަނެއް ގައުމަށް އުފުލުމުގެ ހުއްދަ އިންޑިއާ ސަރުކާރުންވެސް ދިފާނެ ކަމަށް ނުބެލެވޭ ކަމަށް އަހުމަދު ބުންޏެވެ. އެހެން ކަމުން އަބޫބަކުރުގެ ހަށިގަނޑު އިންޑިއާގައި ވަޅުލުމަށް އާއިލާއިން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
އިންޑިއާގައި ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު ދުވާލެއްގެ މައްޗަށް އެތައް ހާސް މީހުން އެ ބަލީގައި މަރުވަމުންދެ އެވެ. ނަމަވެސް މިއީ އިންޑިއާގައި މިބަލި ޖެހުގެން ދިވެއްސަކު މަރުވި ކަން އެނގުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދުބާއީއަށް ޗުއްޓީ ހޭދަކުރަން ގޮސް ހުރި ދިވެއްސަކު ކޮވިޑު ބަލީގައި މަރުވެފައިވެ އެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް