ކޮވިޑު ޖެހިގެން ރާއްޖެއިން އިތުރު ދެ މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މި ދެމީހުންގެ ތެރެއިން ފުރަތަމަ މީހާ މަރުވީ ހެނދުނު 6:55 ގައި ކަމަށެވެ. އެއީ އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ދެވަނަ މީހާ މަރުވީ އޭގެ ގަޑިއެއްހާ އިރު ފަހުން 7:44 ގައެވެ. އޭނާއަކީ 85 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ ދެމީހުންނަށްވެސް ފަރުވާ ދެމުން ދިޔައީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކަމަށެވެ.

މި ދެމީހުންނާއެކު ކޮވިޑުގައި މިއަދު މަރުވި މީހުންގެ އަދަދު ވަނީ ފަހަކަށް އަރައިފައެވެ. މި މަރުތަކާއެކު ކޮވިޑުގައި ރާއްޖެ އިން މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 134 އަށް އަރައިފައެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން މަރުވެފައިވާ ޖުމުލަ 134 މީހުންގެ ތެރޭގައި ހިމެނެނީ 121 ދިވެހިންނާއި 13 ބިދޭސީންނެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.