މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށްފަހު، އެމަނިކުފާނަށް ފަރުވާދެމުންދިޔަ އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެންނެވުމަށްފަހު، މީޑިއާއަށް މައުލޫމާތު ދެއްވަމުން، އެ ހަމަލާގައި ރައީސް ނަޝީދުގެ ފުރާނަފުޅަށް ނުރައްކާ ނުވާކަމަށް ވިދާޅުވީ، ރައީސް ނަޝީދުގެ އާއިލާއާ ބައްދަލު ކުރެއްވުމަށްފަހު، އެ އާއިލާއަށް ޑޮކްޓަރުން ދިން މައުލޫމާތުތަކާ ހަވާލާދެއްފައި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، ރައީސް ނަޝީދުގެ ފުރާނަފުޅަށް ގެއްލުން ވާ ވަރުގެ ކަމެއް ވެފައި ނުވާ ކަމަށް އިމްރާން ކުރީން ވިދާޅުވެފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ސުވާލު ކުރުމުގެ ވަގުތުގައި، އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އިމްރާން ވިދާޅުވީ، އެމަނިކުފާނު އެހެން ވިދާޅުވީ އެ ހަމަލާގެ ވަރަށް ކުރީކޮޅުގައި ކަމަށާއި، އެމަނިކުފާނު ދެއްކެވި ވާހަކައިގައި ފުރަތަމަވެސް އޮންނާނީ އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައި، އެކަމުގެ ތަހުގީގު ކުރިއަށްދާ ވާހަކަ ކަމަށެވެ. އަދި އެއަށްފަހު ރައީސް ނަޝީދުގެ ފުރާނަފުޅު ގެއްލޭ ފަދަ އަނިޔާއެއް ލިބިވަޑައިގެންފައި ނެތް ކަމަށް ވިދާޅުވީ އެވަގުތު ލިބިވަޑައިގެންފައިވާ މައުލުމާތުގެ އަލީގައި ކަމަށާއި، އެއްވެސް ހާލަތެއްގައި އެ ކަން ކުޑަކުރެއްވުމުގެ ނިޔަތުގައި ނޫން ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

ނަމަވެސް ފަހުން ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ ގެއްލުން ފެނުމުން، އެކަމުގެ ހިތާމަ އެބަ އޮތް ކަމަށާއި، އެއީ އިންސާފަށް ލޯބިކުރާ އެއްވެސް ދިވެއްސަކު ގަބޫލު ކުރާނެ ހަމަލާއެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން، އެ ހަމަލާގައި އެމަނިކުފާނުގެ ފުރާނަފުޅަށް ގެއްލުން ވާ ފަދަ އަނިޔާއެއް ލިބިވަޑައިގެންފައި ނުވާކަމަށް އިމްރާން ވިދާޅުވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އިމްރާނަށް ވަނީ ފާޑު ކިޔައިފައެވެ.