ކޮވިޑު ޖެހިގެން ރާއްޖެއިން އިތުރު ތިން މީހަކު މިއަދު މަރުވެއްޖެ އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މިއަދު އެންމެ ފުރަތަމަ މަރުވީ އައިޖީއެމްއެޗް އީއާރަށް ގެންދިޔަ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު މަރުވެފައި ވުމުން މިހާރު އޮންނަ އުސޫލުގެ ތެރެއިން ސާމްޕަލް ނަގައި ޓެސްޓު ކުރި އިރު ކޮވިޑަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އެ މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ރޭ މެންދަމުގެ ވަގުތެއްގަ އެވެ.

ދެވަނަ އަށް މަރުވެފައިވަނީ ހުޅުމާލޭ ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ. ތިން ވަނަ އަށް މަރުވީވެސް އެ ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާވެސް މަރުވީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ.

މި ތިން މަރާއެކު ކޮވިޑުގައި ރާއްޖެ އިން މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 132 އަށް އަރާފަ އެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން މަރުވެފައިވާ ޖުމުލަ 132 މީހުންގެ ތެރޭގައި ހިމެނެނީ 119 ދިވެހިންނާއި 13 ބިދޭސީންނެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.