ކޮވިޑުގެ ހުރިހާ ވޭރިއަންޓަކާ ދެކޮޅަށްވެސް ވެކްސިން މަސައްކަތް ކުރާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯއިން މިހާތަނަށް ހުއްދަ ދީފައިވާ ހުރިހާ ވެކްސިނެއްވެސް ކޮވިޑުގެ ވޭރިއަންޓުތަކާ ދެކޮޅަށް މަސައްކަތް ކުރާ ކަމަށާއި އެންމެ ނުރައްކާތެރި އިންޑިއާ ވޭރިއަންޓާ ދެކޮޅަށްވެސް މަސައްކަތް ކުރާ ކަމަށް ވަނީ ބުނެފައެވެ.

ޔޫރަޕަށް ކަނޑައަޅުއްވާފައި ހުންނަވާ ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރު، ހާންސް ކްލޫޖު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ވެކްސިނާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ.

އިންޑިއާގެ ކޮވިޑް ވޭރިއަންޓް ބީ.617.1 އާ ގުޅޭ ގޮތުން ޑަބްލިއުއެޗްއޯ އިން މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ވޭރިއަންޓު ޑަބްލިޔުއެޗްއޯއިން މިހާ ތަނަށް ބެލި 53 ގައުމެއްގެ ތެރެއިން 26 ގައުމަކަށް ފެތުރިފައިވާ ކަމުގައި ކްލޫޖު ވަނީ ވިދާޅުވެފަ އެވެ.

ޑަބްލިއުއެޗްއޯއިން މިހާތަނަށް ހުއްދަ ދީފައިވާ ވެކްސިން ތަކުގެ ތެރޭގައި ބަޔޯއެންޓެކް ފައިޒާ، މޮޑާނާ، އެސްޓްރަޒެނެކާ (މީގެ ތެރޭގައި އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ހިމެނޭ)، ޖޯންސަން އެންޑް ޖޯންސަން އަދި ސިނޮފާމް ހިމެނެއެވެ.

ކޮވިޑުގެ އިންޑިއާ ވޭރިއަންޓާ މެދު ގައުމުތަކުގައި ހާސްކަން އިންތިހާއަށް އޮތްއިރު ޗައިނާގައި އުފައްދާފައިވާ ހުރިހާ ވެކްސިނެއްވެސް ކޮވިޑުގެ އިންޑިއާ ވޭރިއަންޓާ ދެކޮޅަށް މަސައްކަތްކުރާކަމަށް ޗައިނާގެ ސެންޓާ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ އޮފިޝަލަކު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވެފައެވެ.

މީގެ އިތުރުން އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެފައިވާ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ ވެކްސިންތައް ފުރިހަމަކުރުމުން އިންޑިއާ ވޭރިއަންޓް ބީ.617.1 އާ ދެކޮޅަށް މަސައްކަތް ކުރެއެވެ.

އިންގްލެންޑުގެ ޗީފް މެޑިކަލް އޮފިސަރު ޖޮނަތަން ވެން-ޓޭމް ވިދާޅުވެފައިވަނީ ސައިންސްވެރިން އަންނަނީ އިންޑިއާގެ ވޭރިއަންޓު އިތުރަށް ދިރާސާކުރަމުން ކަމަށާއި، މި ވޭރިއަންޓް ފެތުރިގެންދާ ގޮތާ ގުޅޭ ގޮތުން މި ދިރާސާތަކަށްފަހު އަންނަ ހަފުތާގެ ތެރޭގައި މައުލޫމާތު ހިއްސާކުރެވޭނެ ކަމަށެވެ.