ކޮވިޑުގެ އޮޕަރޭޝަން ފުޅާކޮށް، މިނިސްޓަރުން އެކުލެވޭ ޓާސްކް ފޯސްއެއް އެކުލަވާލައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ، ރާއްޖޭގައި ކޮވިޑްގެ ނަންބަރުތައް އިތުރުވަމުންދާތީ، ކޮވިޑްގެ އޮޕަރޭޝަން ފުޅާކޮށްފައިވާ ކަމަށެވެ.

އެގޮތުން ކެބިނެޓްގެ ވަޒީރުން ހިމެނިވަޑައިގަންނަވާ ޓާސްކް ފޯހެއް އެކުލަވާލައި މަސައްކަތް ފަށާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު މިވަނީ ކެބިނެޓްގެ މިނިސްޓަރުން ހިމެނޭ ޓާސްކް ފޯސްއެއް އެކުލަވާލައި، ޓާސްކް ފޯސްގެ މަސައްކަތްތައް ފަށައިފައި" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ، ކޮންމެ އަތޮޅެއްގައިވެސް ހާއްސަ ޓާސްކް ފޯސްއެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަތޮޅުތަކުގައި އެކުލަވާލާ ޓާސްކް ފޯސްތަކުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި އެޗްޕީއޭގެ ހިއްސާ އޮންނާނެއެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް ހުރިހާ ރަށެއްގައިވެސް މިހާރު ވަނީ ޓާސްކް ފޯސްތައް އެކުލަވާލައިފައެވެ.