އައްޑޫ ސިޓީ ކައުންސިލުން ދެމުން އައި ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ، މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ ސިޓީ މޮނިޓަރިން އަށް ގެނެސްފައި ވާއިރު މިހާރު އައްޑޫގައި އޮތީ ކޮމިއުނިޓީ ސްޕްރެޑެއް ކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ކައުންސިލުން ވަކިގޮތެއް އަންގަންދެން ހިދުމަތްތައް މެދުކަނޑާލުމަށް ނިންމާފައިވާ ކަމަށެވެ.

"އެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އައްޑޫ ސިޓީ ކައުންސިލުން ވަކިގޮތެއް އަންގަންދެން، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އާއި މި އިދާރާގެ ދަށުން ހިނގަމުންދާ އަވަށު އޮފީސްތަކުން ދެމުންގެންދާ އެންމެހާ ހިދުމަތްތައް ދިނުންް ވަގުތީ ގޮތުން މެދުކަނޑާލުމަށް ވަނީ ނިންމާފައެވެ،" ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ސިޓީ ކައުންސިލްގެ ހިދުމަތްތައް މެދުކަނޑާލި ނަމަވެސް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރާއި ސޯޝަލް ސަޕޯޓް ޑެސްކްތަކުން ދެމުން އަންނަ ހިދުމަތްތައް މެދުކެނޑުމެއް ނެތި ލިބޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އައްޑޫގައި ކަރަންޓީނުގައި ނެތް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ އެ ސިޓީ މޮނިޓަރިންގައި އޮންނަތާ މަސް ދުވަސް ވާން ކައިރި ވެފައި ވާއިރު، ކޮންމެ ދުވަހަކުހެން އެ ރަށުން ނަގާ ސާމްޕަލްތައް އަންނަނީ ޕޮޒިޓިވް ވަމުންނެވެ.

އެގޮތުން، އެ ސިޓީން ޖުމުލަ 201 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު މިހާރު ވެސް އެ ބަލިން ފަސޭހަ ނުވާ 163 މީހަކު އެބަ ތިއްބެވެ. އަދި އެނދުމަތި ކޮށްގެން ހަ މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި ފުވައްމުލަކު ސިޓީން ގެންދިޔަ ދެ މީހަކުވެސް ހިމެނޭ ކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.