މަސްތުވާތަކެތި ބޭނުންކޮށްގެން ޑިއުޓީގައި ހުރިކަމަށް ބުނެ ފުލުހުންގެ ވަޒީފާއިން ވަކި ކުރި މީހަކަށް 126،934.8 ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ، ހ. ކުއްޅަވައްމާގެ މުހައްމަދު އިބްރާހިމް މޯލްޑިވްސް ޕޮލިސް ސާވިސްގެ މެރިން ޕޮލިސް ޑިޕާޓްމެންޓްގައި ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރުގެ މަގާމު އަދާ ކުރަނިކޮށް، މަސްތުވާތަކެތި ބޭނުންކޮށްގެން ޑިއުޓީގައި ހުރިކަމަށް ބުނެ، ފުލުހުން އޭނާ ހައްޔަރުކޮށް ފުލުހުންގެ އިދާރާއަށް ގެންގޮސް ބެލި ބެލުމުން އަލްކަހޯލްއަށް ޕޮޒިޓިވް ވެއްޖެ ކަމަށް ބުނެ، ފިޔަވަޅެއްގެ ގޮތުން 11 ފެބްރުއަރީ 2018 ގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވާ މައްސަލައެކެވެ.

މުހައްމަދު އިބްރާހިމްގެ ފަރާތުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ، އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ، ގާނޫނުއަސާސީގެ ދަށުން ލިބިދޭ އަސާސީ ހައްގުތަކުން މަހުރޫމު ކޮށް، އަމިއްލަ ދިފާއުގައި ވާހަކަ ދެއްކުމަށް އެކަށީގެން ވާ ފުރުސަތު ނުދީ، އަދި މައްސަލަ ތަހުގީގު ކުރަން ޖެހޭ މިންވަރަށް ތަހުގީގު ނުކޮށް ކަމަށްބުނެ އެވެ.

އެހެންކަމުން އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ކަމަށް ނުބެލުމަށާއި، އޭނާގެ ވަޒީފާ އަނބުރާ ރުޖޫއަ ކޮށްދީ، އެވަޒީފާ ރުޖޫއަ ކޮށްދޭ ތާރީހާ ހަމައަށް އެ ވަޒީފާގެ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބެން ޖެހޭ އެހެނިހެން އިނާޔަތްތައް އެކީ އެއްފަހަރާ ހޯދުމަށް އެދި، ހޯމް މިނިސްޓްރީގެ މައްޗަށް ރައްދުވާ ގޮތަށް ދިވެހި ދއުލަތުގެ މައްޗަށް މުހައްމަދު އިބްރާހިމް ވަނީ ދައުވާ ކޮށްފައެވެ.

މި މައްސަލަ ބަލައި، ސިވިލްކޯޓުން ކުރި ހުކުމްގައި ވަނީ، މައްސަލައިގައި ފާހަގަ ކުރެވުނު ނުކުތާތަކާއި ހުށަހެޅިފައިވާ ލިޔުންތަކާއި، ކަމާ ގުޅޭ ގާނޫނުތަކުގެ މައްޗަށް ރިއާޔަތްކޮށް ބަލާއިރު، މުހައްމަދު އިބްރާހިމް ފުލުހުންގެ ވަޒީފާއިން ވަކި ކޮށްފައި ވަނީ، އިޖުރާއީ އަދުލުވެރިކަން ފުރިހަމައަށް ގާއިމު ކުރުމެއް ނެތި ކަމުގައި ވިޔަސް މައުލޫއީ އަދުލުވެރިކަން ގާއިމު ކޮށް، އެކަށީގެންވާ ސަބަބުތަކެއް އޮވެގެންކަން ޝަރީއަތަށް ސާބިތު ވާ ކަމަށެވެ.

އެހެންކަމުން އޭނާގެ ވަޒީފާ އަނބުރައި އިއާދަކުރަން ޖެހޭ ތަނެއް ނެތް ނަމަވެސް، އިޖުރާއީ އަދުލުވެރިކަން ފުރިހަމައަށް ގާއިމު ކުރުމެއް ނެތި އޭނާ ވަޒީފާއިން ވަކި ކުރުމުގެ ސަބަބުން އަދުލުވެރި ބަދަލެއްގެ ގޮތުގައި ހަ މަސްދުވަހުގެ މުސާރަ އާއި އިނާޔަތަށް ވާ ޖުމުލަ، 126،934.8 ރުފިޔާ މުހައްމަދު އިބްރާހިމް އަށް ދޭން ޖެހޭ ކަމަށް ކަނޑައަޅައި، އެއްމަސް ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލްކޯޓަށް ދައްކައި ހަލާސް ކުރުމަށް ހޯމް މިނިސްޓްރީގެ މައްޗަށާއި ދައުލަތުގެ މައްޗަށް އަންގައި ހުކުމް ކުރާ ކަމަށް އެ ހުކުމްގައި ބުނެފައި ވެއެވެ.