ކޮވިޑު ޖެހިގެން ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ދެމުން އައި އިތުރު މީހަކު މަރުވެއްޖެ އެެވެ.

އެޗްޕީއޭ އިން ބުނީ ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 48 އަހަރުގެ ފިރިހެނަކު މިއަދު 12:02 ގައި މަރުވެފައިވާ ކަމަށެވެ. މިއާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 121 އަށް އަރާފަ އެވެ.

ރާއްޖޭގައި އެންމެ ގިނައިން ކޮވިޑު ޖެހިގެން މީހުން މަރުވީ މިމަހުގައެވެ. މިމަހުގެ މިހާތަަނަށް 48 މީހަކު ވަނީ އެބަލީގައި މަރުވެފައެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން މަރުވެފައިވާ ޖުމުލަ 121 މީހުންގެ ތެރޭގައި ހިމެނެނީ 108 ދިވެހިންނާއި 13 ބިދޭސީންނެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.