ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ، އޭނާގެ ކުރީގެ އަންހެނުންނަށް އަނިޔާ ކުރި އިރު، އީސަގެ ދޮށީ ފިރިހެން ދަރިފުޅު ޖިދާދު އަހުމަދު އީސާ ގޭގޭގައި ނެތް ކަމަށް އާއިލާގެ އަސޫގެ އާއިލާގެ މެންބަރަކު ބުނެފި އެވެ.
މެންބަރު އަހުމަދު އީސާ، އޭނަގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް (އަސޫ) އަށާއި ތުއްތު ދަރިފުޅަށް އަނިޔާ ކުރި ކަމަށް ބުނާ ވާހަކަ ދޮގުކޮށް ޖިދާދު ވަނީ އޭނާގެ ފޭސްބުކް ގައި ބަޔާނެއް ނެރެފަ އެވެ.
އީސަ އާ ގުޅޭ ގޮތުން ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އަވަށްޓެރިއެއް ކަމަށް އެނގިފައިވެ އެވެ. މި މައްސަލައާ ގުޅިގެން އަސޫވަނީ ފުލުހުންނަށް ބަޔާންވެސްދީފަ އެވެ.
އަސޫއަށާއި ތުއްތު ދަރިފުޅަށް އަނިޔާކުރި ކަމަށްބުނާ މައްސަލާގައި ގިނަ ބަޔަކު ދަނީ އީސަ ހައްޔަރު ކުރުމަށް ގޮވާލަމުންނެވެ.
ޖިދާދު އަހުމަދު އީސާ ފޭސްބުކުގައި ކުރި ޕޯސްޓުގައި ބުނީ ބައްޕަ (އީސަ)ގެ ފަރާތުން އެފަދަ އަނިޔާއެއް އަސޫ އަށާއި ތުއްތު ދަރިފުޅަށް ލިބިދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
ޖިދާދު ބުނީ އެ އެ ކަން ހިނގައިދިޔަ ގޮތް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އެ މަންޒަރު ގާތުން ފެނުނު ކަމަށެވެ. ނަމަވެސް މި މައްސަލައަކީ ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށްވާތީ އިތުރު ތަފުސީލެއް ދެވެން ނެތް ކަމަށެވެ.
އީސަގެ ދޮށީ ދަރިފުޅު ވަނީ، އީސަ ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނުނެރެދެނީ ކީއްވެތޯ ސުވާލުކޮށްފަ އެވެ. އަދި މިކަމުންވެސް އެނގިގެންދަނީ އެއީ ނުކުރާ ކަމެެއްގެ ދޮގު ތުހުމަތު އޭނާގެ ބައްޕަގެ ބޮލުގައި އެޅުވުން ކަމަށް ބުންޏެވެ.
މިއީ ބައްޕަގެ އަގު ވައްޓާލަން ކޮށްގެން އުޅޭ ކަމެއް ކަމަށާއި ސޯޝަލް މީޑިއާގައި މިވާހަކަތައް ފެތުރުމުގެ ކުރިން ހަގީގަތް ހޯދައި އީސަގެ ބަސްވެސް ހޯދައިލުން މުހިންމު ކަމަށް ޖިދާދު ބުންޏެވެ.
މި މައްސަލައިގެ ތަހުގީގު ކުރަމުންދާތީ އަދި މައްސަލަ އަކީ ސީރިއަސް މައްސަލަ އަކަށްވާތީ ކަމަށް ވިދާޅުވެ، މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ މުގައްރިރު ކަމުން ވެސް އީސާ ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
މި މައްސަލައާ ގުޅިގެން އީސާ މިހާތަނަށް އެއްޗެއް ވިދާޅުވެފައި ނުވާއިރު ޖިދާދު ބުނީ އެއީ އީސަ އާއި އަސޫގެ ތުއްތުގެ ދަރިފުޅުގެ ހައްގުގައި ކަމަށެވެ.
މި ކަމާ ގުޅިގެން ފުލުހުންނަށް ބަޔާން ދިނުމަށްފަހު އަސޫ ސޯޝަލް މީޑިއާ މެދުވެރިކޮށް ބުނީ އެ ދުވަހަކީ އޭނާ އާއި ތުއްތު ދަރިފުޅަށް ވަރަށް އުނދަގޫ ދުވަހެއް ކަމަށެވެ. ނަމަވެސް ދެމައިން މިހާރު ތިބީ ހެޔޮ ހާލުގައި ކަމަށާއި އެއީ ދުވަހަކުވެސް ދިމާވެދާނެ ކަމަށް އުއްމީދު ކުރި ކަމެއް ނޫން ކަމަށެވެ.
އަސޫގެ އާއިލާގެ މެންބަރު "ވަން" އަށް ބުނީ ހާދިސާ ހިނގި ގަޑީގައި ޖިދާދު ގޭގަ ނެތް ކަމަށާއި އެރޭ އެއްކޮށް ވެސް އޭނާ ގެޔަށް ނުދާ ކަމަށް އެނގިފައިވާ ކަމަށެވެ.
އީސަގެ މައްޗަށް ތުހުމަތު ކޮށްފައިވާ މި މައްސަލައިގައި އާންމުންގެ ގިނަ ބަޔަކު އަންނަނީ އޭނާ ހައްޔަރުކޮށް ތަހުގީގު އަވަސް ކުރުމަށް ގޮވާލަމުންނެވެ. އީސަ ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީން ވެސް ވަނީ އެ ތަހުގީގު އަވަސް ކުރުމަށް ގޮވާލައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ މުގައްރިރު ކަމުން އީސަ ވަކި ކުރުމަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް އީސަ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
އީސަ ހައްޔަރުކުރުމުގެ އަމުރަކަށް ޕީޖީ މެދުވެރިކޮށް ފުލުހުން އެދުނު ނަމަވެސް އެ އަމުރު ކްރިމިނަލް ކޯޓުން ވަނީ ނެރެ ނުދީފަ އެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު އަސޫ ވަނީ ފުލުހުންނަށް ބަޔާން ވެސް ދީފަ ވެ އެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި ލިބިފައިވާ އަނިޔާ ތަކާ އެކު އެ މައުލޫމާތު އަސޫ ވަނީ އައިޖީއެމްއެޗަށް ވެސް ދީފަ އެވެ.
މި މައްސަލައިގައި އީސަ ވެސް އަދި އަސޫވެސް މީޑިއާއާ ސީދާ އެއްވެސް ވާހަކައެއް އަދި ދައްކައިފައެއް ނުވެ އެވެ.
އަސޫ އަކީ ނައިބު ރައީސް ފައިސަލް ނަސީމް ގެ ކޮއްކޮ އެވެ. އަސޫ އާއި މިނިސްޓަރު މަހުލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް އަކީ އެއްބަނޑުއެއްބަފާ ބޭފުޅުންނެވެ.
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ