އަންނަ ރޯދަމަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ނިންމާފައިވާތީ، އެކަން ބަދަލުކޮށް ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ޖެހޭގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެންނަން މަޖިލީހުން ފާސްކޮށް ތަސްދީގު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވި ބިލު މަޖިލީހުން ގާނޫނަކަށް ބަދަލުކުރާނެ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ބެހޭގޮތުން އެމްޑީޕީން ބޭއްވި ނިއުސްކޮންފަރެންސްގައި، "ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެމްޑީޕީގެ "މަޖިލިސް 20"ގެ ތަރުޖަމާނު ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު އީސަ މިއަދު ވިދާޅުވީ، ގާނޫނުގައި ބުނާ އުސޫލުތަކުގެ ތެރެއިން އެ ބިލު މަޖިލީހުން ގާނޫނަކަށް ބަދަލުކޮށް ރައްޔިތުން އެދޭގޮތަށް، އަންނަ މަހުގެ 17ގައި ބާއްވަން މިހާރު ކަނޑައަޅާފައިވާ އިންތިހާބުގެ ތާރީހު ބަދަލުކުރައްވާނެ ކަމަށެވެ.
އެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިމަހުގެ 11 ގައެވެ. އަދި އެ ބިލު ތަސްދީގު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޖިލީހުން ފޮނުވާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އެހެންކަމުން ބިލު ތަސްދީގުކުރަން ގާނޫނުއަސާސީގައި ކަނޑައޅާފައިވާ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާނެއެވެ.
އެހެންކަމުން ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ތައާރަޒުވާ ކަންކަމާއި، ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެމަތީން އިންތިހާބުތައް ބޭއްވުމާއި އަދި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ހުރަސްއެޅިދާނެ ފަދަ އިޖުރާއަތުތައް ކަނޑައަޅާފައިވާކަން ފާހަގަކުރައްވައި ދައުލަތުގެ ބަނޑާރަނާއިބު ދެއްވި ލަފާފުޅާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވައި ލައްވައިފައެވެ.
މަޖިލީހުން ފާސްކުރާ ބިލެއް ތަސްދީގުކުރުމާ ބެހޭގޮތުން ގާނޫނުއަސާސީގައި ބުނަނީ، މަޖިލީހުން ފާސްވާ ކޮންމެ ބިލެއް ފާސްވާތާ ހަތްދުވަހުގެ ތެރޭގައި އެ ބިލު ތަސްދީގުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަން ވާނެއެވެ. އަދި އެ ބިލު ލިބޭތާ 15 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރަންވާނެއެވެ. ނުވަތަ އެ ބިލާ މެދު އަލުން ވިސްނުމަށް ނުވަތަ އެ ބިލަށް ގެންނަން ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ އިސްލާހަކާ މެދު ވިސްނުމަށް އެ މުއްދަތުގެ ތެރޭގައި އެ ބިލު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވަންވާނެއެވެ.
އަނބުރާ މަޖިލީހަށް ފޮނުވާ ބިލަކާ މެދު އަލުން ވިސްނުމަށްފަހު، އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ބިލު މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެއްޖެ ނަމަ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މަޖިލީހުން ފާސްވެގެން ތަސްދީގުކުރުމަށް ފޮނުވާ ބިލެއް ތަސްދީގުކުރަން އޮންނަ މުއްދަތުގެ ތެރޭގައި އެ ބިލަކާ މެދު އަލުން ވިސްނުމަށް ނުވަތަ އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް އަނބުރާ ނުފޮނުވައިފި ނަމަ، ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގުކުރީ ކަމަށް ބަލައި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު