އެމްއެންޑީއެފް އެއާ ކޯ އުފައްދައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލުމަށް ބޭނުންވާ ޑްރޯން ގަތުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ކަމަށާއި ރައްޔިތުންގެ މަޖިލީހުން އެކަން ބަލާނެ ކަމަށް އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނުގެ ތަރުޖަމާނު، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީސަ ވިދާޅުވީ ޑްރޯން ގަނެފައިވަނީ އެކަމަށް ބަޖެޓަށް ނުކޮށް، ކޮންޓިޖެންސީ ބަޖެޓުން ކަމަށެވެ. ޑްރޯން ގަތުމަށް އެ ބަޖެޓުން ވަނީ 570 މިލިއަން ރުފިޔާ ގާތްކުރާ އަދަދަކަށް ހަރަދުކޮށްފައި ކަމަށާއި އެކަން ކުރީ މިހާރު ކުރިއަށްދާ 1،720 މަޝްރޫއުއެއްގެ މަސައްކަތް ހުއްޓާލުމަށްފަހު ކަމަށެވެ. އެ މަޝްރޫއުތަކަކީ ރައްޔިތުންގެ އަސާސީ ހައްގުތަކާ ގުޅުންހުރި މަޝްރޫއުތައް ކަމަށާއި ގާނޫނުއަސާސީ ލާޒިމު ކުރަނީ އެފަދަ މަޝްރޫއުތަކަށް އިސްކަން ދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"މި މުއާމަލާތުގެ ތެރޭގައި ސިއްސައިގެންދާ ވަރުގެ ބޮޑެތި ކޮރަޕްޝަންތައް ހިނގާފައިވާ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ. އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ އިއްޒަތެރި މެމްބަރުންނަށް ގޮވާލަން ބޭނުން. ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން މި މުއާމަލާތުގެ ތަފުސީލު ގެނެސް ދައުލަތަށް މި މުއާމަލާތުގެ ތެރެއިން ގެއްލިފައި އޮތީ ރައްޔިތުންގެ ޓެކްސް ފައިސާއިން ކިތައް މިލިއަންތޯ ބަލައި ރައްޔިތުންނަށް އެކަން ހާމަކޮށްދިނުމުގެ މަސައްކަތް ކުރަން. މި ޕާޓީން އިރާދަކުރެއްވިޔާ އެ މަސައްކަތް ކުރާނެ ވާހަކަ ތިބޭފުޅުންނަށް ވަރަށް ޔަގީންކަމާއެކު ދަންނަވަން،" އީސާ ވިދާޅުވިއެވެ.
އީސަ ވިދާޅުވީ ޑްރޯން ގަތުމާ ގުޅޭ އެއްވެސް މުއާމަލާތެއް ސަރުކާރުން ހާމަކޮށްފައިނުވާ ކަމަށެވެ. އެކަމާ ގުޅޭ ކުޑަ މިންވަރެއް ސަރުކާރުން ހާމަކުރީ ޑްރޯންތައް ބޭނުން ކުރަން ފެށުމުގެ ރަސްމިއްޔާތުގައި ކަމަށާއި އެ ރަސްމިއްޔާތުގައި ތުރުކީގެ ހިލޭގެ އެހީގެ ދަށުން ބައެއް ޑްރޯންތަކާއި އިކުއިޕްމެންޓްސް ލިބުނު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށް އީސާ ވިދާޅުވިއެވެ.
ޑްރޯން ބޭނުން ކުރުމަށް ފެށި ރަސްމިއްޔާތުގައި ވަނީ ތިން ޑްރޯން ދައްކާލައިފައެވެ. ރާއްޖެ ގެނައީ ކިތައް ޑްރޯންކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ސަރުކާރުން ހަތް ޑްރޯން ގަތުމަށް ނިންމާފައިވާކަން އެނގިފައިވެއެވެ.
އީސަ ވިދާޅުވީ ސަރުކާރުން ހަތަރު ޑްރޯނެއް ގަތުމަށް ނިންމި ކަމަށާއި އޭގެ ތެރެއިން ދެ ޑްރޯން ގަތުމަށް 39 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށެވެ. ތުރުކީ އެހީގެ ދަށުން ބައެއް ޑްރޯންތައް ހިލޭ ލިބުނު އިރު، ދެ ޑްރޯން ގަތުމަށް އެހާ ބޮޑު އަދަދެއް ހަރަދުވި ގޮތް ރައްޔިތުންނަށް ސާފުވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަސްކަރީ އާލަތްތައް ވިއްކާ ވެބްސައިޓުތަކުން ސަވައިލެންސް ޑްރޯންތަކުގެ އަގުތައް އެނގެން ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ބަލައި ނުގަންނަނީ ނޫން ކަމަށާއި ވޭތުވެދިޔަ ހުރިހާ ސަރުކާރުތަކުން ވެސް ވަނީ އެ އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރަން މަސައްކަތް ކޮށްފައި ކަމަށެވެ. ފަތުރުވެރިކަމަށާއި މަސްވެރިކަމުގެ އިންޑަސްޓްރީގެ ކުރިމަގަށްޓަކައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓޭ ވަރަށް އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުން މުހިންމު ކަމަށް އީސަ ވިދާޅުވިއެވެ.
އަސްކަރިއްޔާއަށް ހޯދާ ހުރިހާ ވަސީލަތެއްގެ އެއްބަސްވުން ހާމަކުރަން ނުޖެހޭނެކަން ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް އެ ހަރަދުވި ފައިސާގެ ހަރަދު ހާމަކުރަންވާނެ ކަމަށް އީސަ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު